ރާއްޖޭގައި މިވަގުތު ތިބީ ކޮވިޑަށް ޕޮޒިޓިވް 75 ޓޫރިސްޓުން

މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މި އަހަރު ދެ ލައްކައެއްހާ ޓޫރިސްޓުން ރާއްޖެ އައިސްފައި ވާއިރު މި ވަގުތު ރާއްޖޭގައި ތިބި ކޮވިޑަށް ޕޮޒިޓިވް ޓޫރިސްޓުންގެ އަދަދަކީ 75 ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 198،116 ޓޫރިސްޓުންނެވެ. މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 0.29 ޕަސެންޓު މީހުންނެވެ. އެއީ 575 ޓޫރިސްޓުންނެވެ.
އެ މިނިސްޓްރީން ބުނީ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވް ވަނީ އެނބުރި ގައުމަށް ދިއުމަށް ޓެސްޓު ހަދާއިރު ކަމަށެވެ. ޕޮޒިޓިވްވާ ނިސްބަތް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ވަރަށް ދަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓްކުރަން ރާއްޖޭގައި އެވްރެޖްކޮށް ދުވާލަކު 5،781 ސާމްޕަލް ނަގާއިރު ޓޫރިސްޓުން އެނބުރި ގައުމަށް ދިއުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓަށް ދުވާލަކު 1،519 ސާމްޕަލް ނަގަ އެވެ.
ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓަކު ވެސް ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ގެންނަން ޖެހެ އެވެ. ރާއްޖެ އައުމަށްފަހު ފުރުމުގެ ކުރިން ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަ ނަމަ ޓެސްޓު ހަދާކަށް ނުޖެހެ އެވެ. ނަމަވެސް އަލާމާތެއް ފެންނަ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގައި ވަގުތުން ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ