މީހުން ޓްރެފިކްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ އިޞްލާހު ރައީސް ތަސްދީގްކުރައްވައިފި

މީހުން ޓްރެފިކްކޮށްގެން ކުރާ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް މަޖިލިހުން ގެނެސްފައިވާ އިޞްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 14 ވީ ބުދަ ދުވަހުގެ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި، ބިލުގައިވަނީ މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. އަދި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަންވެސް އެޤާނޫނުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް ޢަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. އަދި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ދިވެހިރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައެވެ.
މީގެ އިތުރުން އެ އިޞްލާޙުގައި މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީވެސް ކުށެއްކަމުގައި މި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ޤާނޫނަށް ގެންނެވި އިޞްލާޙުގައި ބަޔާންކުރާގޮތުން މި ޤާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަން ކުރުމަށް ޢަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ