ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައެއް ނުގަތް

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި ދިވެހި ސަރުކާރަށްދީފައިވާ ލަފަޔާއެއްގޮތަށް އެމަނިކުފާނު ޖަލުން މިނިވަންކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ. ސަން އަށް އެނގިފައިވާގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ ބަލައިނުގަނެ އިއްޔެ ވަނީ އަނބުރާ ފޮނުވާލައިފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ވޯކިން ކްރޫޕްގެ ލަފަޔަލީ އދ. ގެ ނިންމުމެއް ނޫން ކަމަށާއި އެ ލަފަޔަށް އަމަލުކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ނޫން ކަމަށެވެ. އަދި ވޯކިން ގްރޫޕުން ނިންމާ ނިންމުންތަކަށް ރާއްޖޭގެ ޝަރުއީ ނިޒާމުން އަމަލުކުރަން ނުޖެހޭނެ ކަމަށާއި ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ބަލާނީ ރާއްޖޭގައި ހެދިފައި ހުންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލަށް ހައްޔަރުކޮށްފައިވާތީއެވެ. އެ މައްސަލަ މިހާރު އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ