ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި އެއް މިލިއަން ރުފިޔާއަކީ މަނީލޯންޑަރިންއާ ގުޅޭ ފައިސާ: ފުލުހުން

މި މަހުގެ 12 ވަނަ ދުވަހު ފުރަން ދިޔަ ބިދޭސީއެއްގެ އަތުން އަތުލައިގަތް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ މަނީލޯންޑަރިންއާ ގުޅޭ ފައިސާތަކެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ. އެކި ގައުމުތަކުގެ ފައިސާތަކަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ޑާކާއަށް ފުރަން ދިޔަ އެގައުމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މުހައްމަދު ހަބީބު އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އޭނާ ދެ ފަހަރެއްގެ މަތިން ބަންދު އިތުރުކޮށްފައިވެ އެވެ. އެންމެ ފަހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އޭނާގެ ބަންދުގެ އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ، އޭނާގެ އަތުން އަތުލައިގަތް "ފައިސާއަކީ މަނީލޯންޑަރިންގެ ކުށަކާ ގުޅުންހުރި ފައިސާ" ކަމަށެވެ. އަދި އޭނާ އެ "ކުށްް ކޮޮށްފައިވަނީ ނެޓްވޯކެއްގެ ތެރެއިންކަމަށް" ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. ފުލުހުން ވަނީ އެކަމަށް ބާރުދޭ ހެކިތައްވެސް ކޯޓަށް ހުށަހަޅާފަ އެވެ. ފުލުހުން ބުނި ގޮތުގައި މުހައްމަދު ހަބީބަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެކެވެ. އަދި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނާއި ފައިސާގެ ވެރިފަރާތްކަމަށް ބުނެފައިވާ ފަރާތުގެ ބަޔާނުގައި ފުށުއެރުންތައް ގިނަ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ. މުހައްމަދު ހަބީބު ކޯޓުގައިި އިއްޔެ ބުނީ، ފައިސާގެ ވެރިފަރާތާއި އޭނާއަކީ ދެ އަވައްޓެރިން ކަމަށެވެ. ކޯޓުން އިއްޔެ ހުކުމް ކުރީ، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކިބަސް ދޭން ހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެތީ، އިތުރު ހަތް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ. މުހައްމަދު ހަބީބު ފައިސާތައް ބޭރުކުރަން އުޅުނީ، ފޮރުވައިގެންކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. ކަސްޓަމްސް މީގެ ކުރިން ބުނެފައިވަނީ، އޭނާގެ އަތުން އަތުލައިގަތް ފައިސާ އަކީ ކަސްޓަމްސް އަށް ރިޕޯޓު ނުކުރާ ފައިސާ ކަމަށެވެ. https://twitter.com/sunbrk/status/1361684801833611273 މުހައްމަދު ހަބީބު ހައްޔަރުކޮށް، އޭނާގެ ފުރަތަމަ ބަންދުގެ އަޑުއެހުން އޮތީ މިމަހު 13ގައި އެވެ. އެދުވަހު އޭނާ ކޯޓުގައި ބުނެފައިވަނީ، ފައިސާތައް އެގޮތަށް ރައްކާތެރިކޮށް ފޮރުވާފައި ހުރީ ބަންގްލަދޭޝް އެއާޕޯޓުން ދިމާވާ ކަންތައްތަކަކާ ހުރެކަމަށެވެ. އަދި ފައިސާގެ ޖުމްލަ އަދަދު ކުރިން އޭނާއަކަށްވެސް ނެނގޭކަމަށް ކޯޓުގައި ބުނެފައިވެ އެވެ. "އެ ފައިސާގެ އަދަދުތައް އެއްކުރުމުން ހަގީގަތުގައި ޖުމްލަ އެހާ ގިނަ ވެދާނެ ކަމަށް ހުދު މީނާއަށްވެސް [މުހައްމަދު ހަބީބަށްވެސް] ނޭނގޭކަމަށް މީނާގެ ފަރާތުން ބުނެފައިވޭ،" އޭނާ ހަތް ދުވަހަށް ބަންދުކުރުމަށް ނެރުނު ފުރަތަމަ ކޯޓު އަމުރުގައި ބުނެފައިވެ އެވެ. ކަސްޓަމްްސް އިން ބުނެފައިވާ ގޮތުން އޭނާގެ އަތުން ފެނުނު ފައިސާގެ ޖުމްލަ 1.148 މިލިއަން ރުފިޔާއަށް އަރަ އެވެ. އެގޮތުން ޖުމްލަ 14 ގައުމެއްގެ ފައިސާ އޭނާގެ އަތުން ފެނިފައިވެ އެވެ. މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެެ ދަށުން 10،000 ޑޮލަރުން ފެށިގެން މަތީ އަދަދަކަށް ފައިސާ ރާއްޖެއިން ބޭރުކުރާ ނުވަތަ އެތެރެކުރާ ނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ