އިސްރާއީލުން ޣައްޒާއަށް އުދުވާނީ ޙަމަލާތަކެއްދީ ފަލަސްތީނުގެ 22 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާ (މޭ 11) : އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށާއި އެތަނުގައި އަޅުކަން ކުރަންތިބި މީހުންނަށް ދެމުން ގެންދިޔަ އުދުވާނީ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށްފަހު ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ޙަމަލާތަކެއް ދީ 22 މީހުން ޝަހީދު ކޮށްލައިފި އެވެ. އިސްރާއީލުގެ އުދުވާން ޣައްޒާއަށް މިސްރާބުޖެހީ އިސްރާއީލު ސިފައިން މަސްޖިދުލްއަގްސާ އަށް ދެމުންގެންދިޔަ ޙަމަލާތަކުގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ދެދުވަހުގެ ތެރޭގައި ޒަޚަމްކޮށްލައި އެމިސްކިތުގެ އެތެރެއަށްވަދެ މުސްހަފްތަކަށް ގެއްލުންދީ ކުޑަދޮރުތައް ހަލާކުކޮށް ހިންގި ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ޙަމާސް ޖަމާއަތުން އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ރޮކެޓް ޙަމަލާތައް ދޭން ފެށުމުންނެވެ. ގައްޒާގެ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް މިނިވަންކަމުގެ ވަރުގަދަ ޖިހާދެއް ކުރަމުން ގެންދާ ޙަމާސް ޖަމާއަތުން ރޮކެޓް ޙަމަލާތައްދިނީ ޣައްޒާގެ ވަށައިގެންވާ ޔަހޫދީ އާބާދީތަކުގެ ސަރަހައްދުތަކަށެވެ. އެއީ ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސްގެން އިސްރާއީލުން އެމީހުން ވަޒަންވެރިކުރުވުމަށްޓަކައި ޔަހޫދީ އާބާދީތައް އުފައްދާފައިވާ ސަރަހައްދުތަކެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ އަދި އަޅުވެތިކަމާ ދެކޮޅަށް ބަދަލުހިފުމަށް ހަމާސްއިން ދިން ރޮކެޓް ޙަމަލާތަކާއެކު އިސްރާއީލުން ވަނީ މަސްޖިދުލްއަގްސާއާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާން ވަގުތީ ގޮތުން ހުއްޓާލަން މަޖްބޫރުވެ ހަމާސް އާ ކުރިމަތިިލާން ޖެހިފަ އެވެ. އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ރޭ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ 22 މީހުން ޝަހީދުކޮށްލައި 103 މީހުން ޒަޚަމްކޮށްލި ނަމަވެސް ޙަމާސުންވަނީ އިސްރާއިލުގެ ސަރަހައްދުތަކަށް އިތުުރު ރޮކެޓް ޙަމަލާތައް ފަތިހުވެސް ދީފައެވެ. އިސްރާއީލުން ޣައްޒާއަށް ޙަމަލާދީ ޝަހީދުކޮށްލި 22 މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނޭކަމަށް ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވި އެވެ. ޙަމާސް އާއި ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުން ވެސް ވަނީ ހަމާސް އިން އިސްރާއީލާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދުގައި ބައިވެރިވެ އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދޭންފަށާފަ އެވެ. ރޭ އިރާކޮޅުން ފެށިގެން މިހާތަނަށް އިސްރާއީލުގެ އެކި ރައްތަކަށާއި އަވަށްތަކަށް 500 އަށް ވުރެ ރޮކެޓް ފޮނުވާލާފައިވާއިރު އިސްރާއީލުން ވަނީ މީގެތެރެއިން ގިނަ ރޮކެޓް އިސްރާއީލުގެ އަޔަންޑޯމް ނިޒާމު މެދުވެރިކޮށް ވައްޓާލިކަމަށް ބުނެފަ އެވެ. ނަމަވެސް ބޭރުގައުމުތަކުން ގެނަސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކޮށްގެންއުޅޭ ޔަހޫދީން ދިރިއުޅޭ ބައެއް އާބާދީތަކަށް ބައެއް ރޮކެޓް ތައް އަރާފައިވާކަން ހަމާސްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ބޭރުގެ ބައެއްމީޑިއާތަކުން ވެސް މިކަން ކަށަވަރުކޮށްދެ އެވެ. އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ރޯފާވަރުގެ ރޮކެޓްވެސް ހަމާސްއިން އުފައްދާފައިވާއިރު އިސްރާއީލުން ޣައްޒާގެ އިތުރުތަންތަނަށް ޙަމަލާދޭނަމަ ޓެލްއަވީވަށް އެތައް ސަތޭކަ ރޮކެޓުން އިންޓެންސިވް ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ހަމާސްއާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ދީފަ އެވެ. އަދި އުދުވާން ހުއްޓާނުލާ ނަމަ ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ ބޮޑު ސިޓީއެއްކަމަށްވާ އަސްގަލާންގެ ހުރިހާ އަވަށްތަކަށް ރޮކެޓް ގެ ވާރޭ ވެއްސާނެ ކަމުގެ އިންޒާރުވެސް ޙަމާސްއިން ވަނީ ދީފައެވެ. ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ އުދުވާނުން ސަލާމަތް ވުމަށް ރައްކާތެރި ތަންތަނަށް ދަނީ ޙަމާސްއިންވަނީ ފަލަސްތީނުން ކުރަނީ އަމިއްލަ ނަފްސު ދިފާއު ކުރުމަށްޓަކައި މިނިވަން ކަމުގެ ހަނގުރާމައެއް ކަމަށް ބުނެފަ އެވެ. އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ސިފައިން ފައިބައި އެބިންތައް މިނިވަން ކުރެވެންދެން އިސްރާއީލަށް ހަމަލާދީ މިނިވަންކަމުގެ ޖިހާދު ކުރިޔަށްގެންދިޔުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި ފަލަސްތީނަށް ލިބިދީފައިވާ ހައްގެއްކަން ބަޔާންކޮށް އެހައްގުގެ ބޭނުން ކުރުމުގައި ދެމިތިބޭނެ ކަމާއި އިސްރާއީލުގެ އުދުވާނާއި ބިރުދެއްކުމަށް ނުސިހޭނެ ކަމަށް ޙަމާސްް އިން ބުނެ އެވެ. ހަމާސްގެ ރޮކެޓް ޙަމަލާތަކާ އެކު އިސްރާއީލުގެ ގިނަ ރަށްރަކާއި އަދި ބޭރުން ގެނަސް ވަޒަންވެރިކޮށްފައިވާ ޔަހޫދީން ދިރިއުޅޭ އަވަށްތަކުގެ މީހުންވަނީ ބިންގަރާސްތަކަށް ވަދެފައި ކަމަށް އިސްރާއީލުގެ މީޑީއާ ބުނެއެވެ. މީގެކުރިންވެސް އިސްރާއީލުންވަނީ ޣައްޒާއާ ދެކޮޅަށް ފަސް ފަހަރެއްގެ މަތިން ހަނގުރާމަ ފަށައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތް ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ. ނަމަވެސް އެހަތަރު ފަހަރުވެސް ޙަމާސް ބަލިކުރުމަށާއި ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ އަޒުމު ގުޑުވާލުމުގައި އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާވަނީ ނާކާމިޔާބުވެފަ އެވެެ. މިފަހަރު ވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެފަދަ އިންޒާރުތަކެއް ދީފަ އެވެ. ނަމަވެސް އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމުގައި ސާބިތުވެ ތިބޭނެކަމާއި އިސްރާއީލަކީ ފަލަސްތީނު ރައްޔިތުން ސިހޭވަރަށް ވުރެ ފިނޑި އިސްތިއްމާރީ ބާރެއްކަމަށް ހަމާސްގެ ލީޑަރު އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ ވަނީ ވިދާޅުވެފަ އެވެ. މިނިވަންކަމަށް ޓަކައި ގައުމުތަކުން އިސްތިއުމާރީ ބާރުތަކާ ހަނގުރާމަކޮށްގެން ކާމިޔާބު ހޯދާފައި ވަނީ ބާރުގެ ތިލަފަތް އެއްވަރުވެގެން ނޫންކަން ދުނިޔޭގެ ތާރީޚު ހެކިދެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ