ރާއްޖެ އާއި ބެހޭގޮތުން ވާހަކަ ދައްކަން ޖެހޭނީ ރާއްޖޭގެ ރައްޔިތުން - އޭޕީޕީޖީ

ދިވެހިރާއްޖޭހެ ހާލަތާއި ބެހޭގޮތުން ބޭރު ދުނިޔޭގައި ވާހަކަ ދައްކަންޖެހޭނީ ރާއްޖޭގެ ރައްޔިތުން ކަމަށާއި، އެކަމަށް ބޭރުގެ "ސެލެބްރިޓީ ލޯޔަރ" އެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އޯލް ޕާރޓީ ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ) ގެ ވަފްދުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ ކަންކަމާއި ތިމާވެއްޓާއި ތައުލީމާއި އިޖުތިމާއީ މައްސަލަތައް ސަމާލުކަމަށް ގެނައުމަށް، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އުފައްދާފައި އޮންނަ ކޮމިޓީގެ ފަރާތުން މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ވަފުދުގެ ފަރާތުން، ރާއްޖޭގެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެ ގްރޫޕްގެ ޗެއަރ ވިދާޅުވީ ދިވެހި ރާއްޖެ އާއި ބެހޭގޮތުން ބޭރުގެ ފަރާތްތަކުން ދައްކާ ވާހަކައާއި ހުރެ ބޭރު ޤައުމުތަކުގައި ރާއްޖޭގެ އަގު ވެއްޓިއްޖެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުން އައުމުގައި ފަސްޖެހޭނެ ކަމަށާއި، ނަމަވެސް މި ފަރާތްތަކުން ދައްކާ ވާހަކައަކީ ހަޤީޤަތެއް ހުރި ވާހަކައެއް ނޫންކަން ރާއްޖެ ޒިޔާރަތްކޮށް ރާއްޖޭގެ ހާލަތު އަމިއްލަ ލޮލުން ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދެއްވީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމު ކަމަށާއި، އެމަނިކުފާނަކީ "ޑިކްޓޭޓަރ" އެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާއިރު، އެ ތުހުމަތު ތަކުގެ އެއްވެސް ބުރަދަނެއް ނެތްކަން ހާމަވަކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ރާއްޖެ އަށް ޑިމޮކްރަސީ ގެސެއްދެއްވީ މައުމޫން. އެކަމުގެ ޒިންމާ މީހަކު އުފުލަން ޖެހެންޏާ އެ ޒިންމާ އުފުއްލަވާނީ އެބޭފުޅާ، ދެން ބައެއް ފަރާތްތަކުން މި ބުނަނީ މައުމޫނަކީ ޑިކްޓޭޓަރ އެކޭ. އެއީ ހަޤީޤަތަކަށް ވާނަމަ އެބޭފުޅާ އަށް 2008ގެ އިންތިޚަބު ކާމިޔާބު ކުރެއްވޭނެ."
އޭޕީޖީގެ ވަފުދުން ވަނީ ރާއްޖޭގެ ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުގެ ހާލަތުވެސް ބައްލަވާލައްވައިފައެވެ. މިގޮތުން މާފުށީގައި ނަޝީދު ހުންނެވި ބަޔަށްވެސް މި ވަފުދުން ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތާއި ގުޅޭގޮތުން ޔޫކޭ - މޯލްޑިވްސް އޯލް ޕާރލިމެންޓްރީ ގްރޫޕްގެ ޗެއަރ ވިދާޅުވީ ނަޝީދު ހުންނެވި ޖަލަކީ "ލަގްޝައިއަސް" ތަނެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ. "އެތަނުގައި ޓީވީ ހުރި، ބޮޑު ކޮމްފޮޓަބްލް އެނދެއް ހުރި، ނަޝީދާއިމެދު ޖަލުގައި ކަންކުރީ ވަރަށް ރަނގަޅަށް ކަން އެބޭފުޅާ ހުންނެވި ތަނަށް ދިއުމުން އެނގިއްޖެ. ޔޫކޭގެ ޖަލާއި އަޅާ ބަލާއިރު ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ވަރަށް ރަނގަޅު"
ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މެންބަރުން ވިދާޅުވީ ސިޔާސީ 1800 ކުށްވެރިން ރާއްޖޭގައި ތިބި ކަމަށް ބުނާއިރު މުޅި ޖަލުގެ އާބާދީ ވެސް އެހާވަރު ނުވާ ކަމަށެވެ. އަދި ރާއްޖެއާ ބެހޭ ގޮތުން ފެތުރިފައިވާ ބައެއް ރިޕޯޓްތައް ސައްހަ ނޫން ކަމަށް މެންބަރުން ވިދާޅުވި އެވެ. ރާއްޖެއަށް ކުރި ޒިޔާރަތުން އެކަން ކަށަވަރުވެއްޖެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މި ޓީމުން ވިދާޅުވީ ބޭރުދުނިޔޭގައި ނަޝީދު ދައްކަވާ ވާހަކަފުޅާއި ގުޅިގެން އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނޫން ކަމަށާއި ހުރިހާ ކަމެއްވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި ގުރޫޕުން ގެންދަވަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާރޓީ ތަކާއި، ޕާލިމެންޓްގެ މެންބަރުންނާއި އަދި ސަރުކާރުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އާއި ވެސް މި ވަފުދުން ވަނީ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުވުންތަކުގައި ރާއްޖޭގެ މަސްރަހާއި ގުޅޭގޮތުން ވަރަށް ގިނަ މަޝްވަރާތައް ކުރެވުނުކަން ފާހަގަކުރައްވާ މި ވަފްދުގެ ބޭފުޅުން ވިދާޅުވީ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ އޯލް ޕާރޓީ ޓޯލކްސްގައި ހުރިހާ ސިޔާސީ ޕާރޓީ އަކުންވެސް ބައިވެރިވުން މުހިއްމު ކަމަށެވެ. "މި ބައްދަލުވުން ތަކުގައި ފޮރުވިފައިވާ އެއްވެސް ކަމެއް ނެތްކަން އަޅުގަނޑުމެންނަށް ފާހަގަވޭ. ރާއްޖޭގެ ރައީސް ބޭނުންފުޅުވޭ މި ބައްދަލުވުންތައް ބޭރުގެ ފަރާތްތަކުން އޮބްޒާވް ކުރުމަށް، އެންމެ ޓްރާންސްޕޭރެންޓް ކޮށް މި މަޝްވަރާތައް ކުރިއަށް ދާނީ އޭރުންކަމަށް ރައީސް ޤަބުލުކުރައްވާ"
ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރާއްޖެއާއި ބޭރުގެ ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު މިކަމުގެ ގެއްލުންވަނީ ރާއްޖޭގެ ރައީސަށް ނޫނީ ސަރުކާރަށް ނޫންކަމަށާއި، ދަތިކުރުމުގެ ފިޔަވާޅު އަޅައިފިނަމަ އޭގެ ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަން މި ވަފުދުން ވަނީ ފާހަގަ ކުރައްވައިފައެވެ. "ރާއްޖެ އަކީ ޓުއަރިޒަމަށް ބަރޯސާވާ ޤައުމެއް. އެފަދަ ފިޔަވާޅު ތަކެއްގެ ސަބަބުން ގެއްލުންވާނީ ހަމަ ޤައުމުގެ ރައްޔިތުންނަށް. މީގައި ރައީސަށް އެއްވެސް ގެއްލުމެއް ނުވާނެ"
ރާއްޖޭގައި މީޑިއާގެ މިނިވަންކަންވެސް އެބައޮތް ކަމަށާއި، ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާން އަދި ވަގުތު ބޭނުންވާކަންވެސް މި ވަފުދުގެ ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ