ކުރީގެ ރައީސް މައުމޫން ރައީސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި އެ ބައްދަލުވުމުގައި، ސަރުކާރުން ކުރިއަށް ގެންދަވާ ގައުމީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ބެހޭ ގޮތުންނާއި ގައުމުގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެ ބޭފުޅުން މިއަދު ބައްދަލުކުރައްވާފައިވާ އިރު، އެ ދެ ބޭފުޅުން އެންމެ ފަހުން ބައްދަލުކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި މިއީ ސިޔާސީ ގޮތުން ހަލަ ބޮލި ދުވަސްވަރެއްގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީން ބައްދަލުކުރައްވާފައިވާ އިރު، އަދާލަތު ޕާޓީގެ އެދުމުގެ މަތިން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވެސް ވަނީ އިއްޔެ ރައީސް ޔާމީނާ ބައްދަލުކުރައްވާފަ އެވެ.
ރައީސް ޔާމީނާ އެކު ދިގު ބައްދަލުކުރެއްވުމަކަށް ފަހު، ރައީސް އޮފީހުން ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝެއިހް އިމްރާން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލު ކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންތައްތަކާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަމާ މެދު މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ