ގޯތި ހޯދަން ހުށަހެޅުމުން 13 އަހަރުގެ ކުއްޖާގެ ކައިވެނީގެ ސެޓިފިކެޓު ވުޒާރާތަކުން ބަލައިގަނެފައިވޭ: ނަޝީދު

13 އަހަރުގެ ކުއްޖަކާ މީހަކު އިނުމަށްފަހު، އެކައިވެނި ކޮށްދިންކަމުގެ ސެޓްފިކެޓެއް އެ މީހާ އަތަށް ދިނުމުގެ އިތުރުން، އެ ކުއްޖާގެ ކައިވެނީގެ ސެޓިފިކެޓު ގޯތި ހޯދަން ހުށަހެޅުމުން ސަރުކާރުގެ ވުޒާރާތަކުން އެ ސެޓިފިކެޓު ބަލައިގަނެފައިވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ބެހޭ ސެމިނާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ބޮޑުތަރުތީބުން މިސާލުނަގާ ވިދާޅުވީ އޭގައި ކުޑަކުދިން ގެންގުޅޭނެ ގޮތާއި އެކުދިން ތަރުބިއްޔަތު ކުރާނެ ގޮތް ކިޔައިދީފައިވާކަމަށެވެ. އަދި ބޮޑުތަރުތީބުގެ ކުރިން ހަސަން ތާޖުއްދީންގެ ރަސްކަމުގައި ރާއްޖޭގަިއ ކުޑަކުދިން ލައްވާ މަސައްކަތް ކުރުން މަނާ ކުރައްވާފައިވާކަންވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. މިކަންކަމަށް ބަލައިގެން ރާއްޖޭގެ ފޫޅުމައިންނާއި، މުދައްރިސުން ދަރިން ތަރުބިއްޔަތު ކުރަމުން އައި ގޮތަކީމިގައުމު ރާއްޖެ، ރާއްޖެއަށް ވީގޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް އޭރުގެ ތަރުބިއްޔަތުމަތީ އުފެދުނު ރާއްޖޭގައި ނުތިބެވުން ކަމަށާއި، މިހާރު 12 ނުވަތަ 13 އަހަރުގެ ކުޑަކުދިންނާއި އިނދެވޭނެ ކަމަށާއި އެކުދިންނާއި ޖިންސީ ގުޅުން އުފެއްދޭނެ ކަމަށް ބުނާ ބަޔަކު އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ފަދަ ކަންކަމަކީ ދިވެހިންނާއި ބީރައްޓެހި ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުދިންނަށް އަނިޔާކޮށް، އެކުދިންނަށް ހަރުކަށި އަދަބު ދެވޭނެ ކަމަށް ބަޔަކު ގަބޫލު ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުޑަކުދިންނާއި މެދު އަމަލު ކުރާނެ ގޮތުގެ މުޅިން ތަފާތު ފަލްސަފާއެއް މިހާރު ފެތުރެން ފަށާފައިވާކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި އެކުދިންނަށް ކުރާ ގޯނާ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގޭގޭގެ އެތެރޭގައި ނޭދެވޭ އެތައް ކަމެއް ހިނގާ ކަމަށެވެ. އަދި 13 އަހަރުގެ ކުއްޖަކާއި ކައިވެނި ކުރި މީހާ އެ ކައިވެނީގެ ސެޓިފިކެޓު ހޯދާ ގޯއްޗެއް ހޯދުމަށް ސެޓިފިކެޓު ހުށަހެޅުމުން ސަރުކާރު ވުޒާރާއަކުން އެ ބަލައިގަތުމަކީ އަނދިރި ދައުލަތެއް ކަމަށް ނަޝީދު ސިފަ ކުރެއްވިއެވެ. އަދި މި އަނދިރި ދައުލަތުން ރައީސް ތަސްދީގުކޮށްފައިވާ ގާނޫނު އަސާސީއާއި ވާދަ ކުރާ ކަމަށް ރައީށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނު ތަކާއި ރާއްޖޭގެ ޝަރުއީ ނިޒާމެއް އޮންނަ އިރު، މިބައިމީހުން ވަނީ މި ގާނޫނު ތަކަކީ ކޮންމެހެން ދަމަހައްޓަން ޖެހޭ އެއްޗެއް ނޫން ކަމަށް ބުނަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ވިސްނުމަށް އައި ބަދަލާއެކު ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންގެ ތެރޭ ފަރުވާ ކުޑަކަމާއި އަޅާނުލުން އިތުރުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ އެތައް ޒަމާނެއް ކުރިން ކުޑަކުއްޖަކަށް އަނިޔާ ކޮށްފިނަމަ ކަމާ ބެހޭ ފަރާތްތަކުން އެކަމަަށް ފިޔަވަޅު ނާޅަ ނުނިދާނެ ކަމަށާއި، ނަމަވެސް މިހާރުގެ ހާލަތުން މައްސަލަ ތަހުގީގު ކުރާ ކަމަށް ނުވަތަ ފޮރެންސިކް ތަހުލީލު ކުރާކަމަށް ބުނެ މައްސަލަ ދިގުދަންމާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ