ތިމާވެއްޓަށް ގެއްލުންދޭ ތެލުގެ ގޭސްތައް އެތެރެކުރުން ހުއްޓާލަންޖެހޭ، ބަރޯސާވާންވީ އަވީގެ ހަކަތައަށް: ނަޝީދު

އުންމީދަކީ ރާއްޖެއަށް މިހާރު އެތެރެކުރަމުންދާ ތިމާވެއްޓަށް ގެއްލުންދޭ އަދި އަގުބޮޑު ތެލުގެ ގޭސް އެތެރެކުރުން ހުއްޓާލައި، އަވީގެ ހަކަތައަށް ބަރޯސާވެވޭނެ ގޮތްތަކެއް ހޯދުން ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ މުނާސަބަތުގައި ރައީސް ނަޝީދު ދެއްވި މެސެޖްގައި ވަނީ އުންމީދަކީ އަންނަ އަހަރަކީ ފާއިތުވި ބައެއް ދުވަސްތަކުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެނިގެންދިޔަ ފަދަ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމުގެ ހިޔާލުތަކަށް ޖާގަނުދީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، ހުރިހާ އެންމެންނަށް އިހުތިރާމްކުރާ ސުލްހަވެރި މާދަމާއަކަށް ދަތުރުކުރާނެ އަހަރަކަށްވުން ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރަކީ ބައިބައިވުމަށް ޖާގަނުދީ ހިޔާލު ފާޅުކުރުމާއި ތަފާތު ހިޔާލުތަކުގެ ފަރާތްތަކާއެކުވެސް މަޝްވަރާކޮށް ކަންކަން ނިންމުމުގެ ވިސްނުން އިސްކުރާނެ އަހަރަކަށްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުވެސް ރާއްޖެ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަވެރިކަމާއި އަމަންއަމާންކަން ދެމި އޮންނާނެ އަހަރަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށާއި ބައިނަލްއަގުވާމީ ބައިވެރިން، ހާއްސަކޮށް އަވަށްޓެރި ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ އަހަރަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ގައުމުގެ ހަކަތައިގެ ސިނާއަތާ މެދު ހެދިފައިވާ މަގުޗާޓާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ހާލު އުންމީދަކީ ރާއްޖެއަށް މިހާރު އެތެރެކުރަމުންދާ ތިމާވެއްޓަށް ގެއްލުންދޭ އަދި އަގުބޮޑު ތެލުގެ ގޭސް އެތެރެކުރުން ހުއްޓާލުން. އޭގެ ބަދަލުގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރުވައި ބަރޯސާވާންވީ، ރާއްޖޭގައި އެންމެ ގިނައިން ލިބެންހުރި ގުދުރަތީ އެއް ވަސީލަތް ކަމަށްވާ އަވީގެ ހަކަތައަށް. މިއީ އަޅުގަނޑުމެންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމަކަށްވާއިރު، ހަކަތައިގެ ވަސީލަތްތަކާއި ހަކަތަ ބޭނުންވާ މިންވަރާ މެދު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އަންނަ އަހަރުގައި އުންމީދީ ކިތަންމެ ކަމެއް ކުރުމަށް ރާވައި އަންދާޒާކުރެވުނު ނަމަވެސް، މި ކަންތައްތަކަކީ އެންމެ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ރިސޯޓްތަކުގެ އޮކިއުޕެންސީ 80 ޕަސެންޓަށް ދިޔަކަމުގައިވީ ނަމަވެސް، އަދި 150 ހާސް ޓަނުގެ މަސް ވިއްކުނުކަމުގައިވީ ނަމަވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ވަނީ ގިނަ އަދަދަކަށް ލޯނު ނަގާފައި. އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައި ދަރަނި އަދާނުކުރެވޭއިރު، އަދި މި ހާލަތުގައި ދަރަނި އަދާނުކުރެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާކުރުމުގައި ލުއިގޮތެއް ހޯދައިދިނުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ 2020 ވަނަ އަހަރު ވެގެން މިދިޔައީ އެހެން އަހަރުތަކާ އަޅާބަލާއިރު، ވަރަށް ވެސް ތަފާތު އަހަރަކަށް ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައި ކަަމަށެވެ. ފަތުރުވެރިކަން އިންތިހާއަށް ދަށަށްގޮސް، ގިނަ ބައެއްގެ ވަޒީފާ އާއި އާމްދަނީ ގެއްލި، ސްކޫލްތައް ބަންދުކޮށް އަދި ގާތްތިމާގެ މީހުން މި ދުނިޔެ ދޫކޮށްދިޔަ ކަމަށެވެ. މިއަހަރަކީ ގިނަ މީހުން ހަނދާންކުރަން ބޭނުންވާނެ އަހަރެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ނަމަވެސް، އާ އަހަރު ބައްދަލު މިކުރަނީ އުންމީދުތަކަކާއެކު. ކޮވިޑްގެ ވެކްސިން ހަލުވިކަމާއެކު ލިބި، މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދުތަކާ އެކުގައި. ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ސްޕީޑާއި މަސައްކަތުގެ ފުރިހަމަކަމާ މެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މުހިންމު ބިލުތަކެއް މިއަހަރު ފާސްކުރެވިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ފުޅާވެ، މިހާރު މަޖިލީހަކީ ރާއްޖޭގެ ގާނޫނުއަސާސީ ހިމާޔަތްކޮށް، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީކޮށް، ގައުމީ މުހިންމު މައްސަލަތަކުގައި ބަހުސްކޮށް، ގައުމުގެ ކުރިމަގަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރަމުންދާ ދައުލަތުގެ މުހިންމު ގުނަވަނެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ހާއްސަކޮށް ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރާއެކު ކުރި މަސައްކަތާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ، އެހެން ގައުމުތަކަށް ވުރެ ކުރިން ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވާލުމަކީ ވަރަށް ރަނގަޅު ނިންމުމެއް. ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ކުރިއެރުމަކީ އެގޭ ނަތީޖާ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވިނަމަ އަޅުގަނޑުމެންގެ މިއަދުގެ ހާލަތު މިހާރަށްވުރެ މާބޮޑަށްވެސް ނިކަމެތިވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި ކޮވިޑާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ފައިނޭންޝަލް އޮޑިޓްތައް ތައްޔާރުކުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން ކުރި ބުރަ މަސައްކަތުން، ކޮވިޑާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދުތަކަށް ފާރަވެރިވެވުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ