ގާޒީ ހަސަން ސައީދުގެ ތަހުގީގް އަޑުއެހުން އާދިއްތަ ދުވަހު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަތަކުގެ ތަހުގީގު އަޑުއެހުން އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފިއެވެ. ޖޭއެސްސީން މިރޭ ބުނީ، ހަސަން ސައީދުގެ ތަހުގީގް އަޑުއެހުން އާދިއްތަ ދުވަހުގެ 13:45 ގައި ޕޯސްޓް ބިލްޑިންގ ހަ ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުވާލައިގެންނެވެ. ގާޒީ ހަސަން ސައީދުގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައި ވަނީ އޭނާ އެގޮތަށް އެދިވަޑައިގެންފައި ވާތީ ކަމަށް ޖޭއެސްސީއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. ޖޭއެސްސީއަށް ހުށަހެޅުނު ހަސަން ސައީދުގެ މައްސަލަ ބަލާ ނިމެންދެން އޭނާ ސަސްޕެންޑު ކުރަން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ނިންމައިފައެވެ. މީގެކުރިން އެހެން މައްސަލައެއްގައި ވެސް ހަސަން ސައީދު ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު އެއްވެސް ފިޔަވަޅެއް އޭނައާ މެދު އެޅި ކަމެއް ޖޭއެސްސީން މީގެ ކުރިން ހާމަކޮށްފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ