އަޅުގަނޑަށް ވޯޓު ދޭނީ ރައްޔިތުން، ލީޑަރުންނެއް ނޫން: ހުސެއިން ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް ވޯޓު ދޭނީ ރައްޔިތުން ކަމަށާއި ރައްޔިތުން ނޫން ބައެެއް އިސް ނުކުރާނެކަމަށް ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ހުސެއިން ސޯލިހު ވިދާޅުވެއްޖެއެވެ.
ހުސެއިން ސޯލިހު ވިދާޅުވީ އޭނާއަށް ނިސްބަތްކޮށް އެކި ފާޑުފާޑު ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އޭނާއަށް މުހިއްމީ ލީޑަރުންނަށްވުރެ ދާއިރާ ރައްޔިތުން ކަމަށެވެ.
"މިހާރު އެބަ އިވޭ ހުސެއިން ސޯލިހު ރަނގަޅޭ، އެކަމަކު ވަކި ޕާޓީއަކުން ނިކުތީމައޭ މައްސަލައަކީ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ވޯޓު ދެއްވަނީ ތިޔަ ރައްޔިތުންނޭ، ލީޑަރުންނޭ ނޫނޭ އަޅުގަނޑަށް ވޯޓު ދެނީ"
ހުސެއިން ސޯލިހު ވިދާޅުވީ މެދު ދާއިރާގެ ރައްޔިތުން އޭނާ މަޖްލިސްއަށް ހޮއްވަވައި ދެއްވައިފިނަމަ ކަންކަން ނިންމާނީ ރައްޔިތުންގެ މަޝްވަރާ އާއި އެކު ކަމަށާއި، ލީޑަރުންނާއި އެކު މަޝްވަރާ ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެކަމަށެވެ.
"ޕާޓީން ނިންމާ ނިންމުމުގައި ވެސް އަޅުގަނޑު އިސްކުރާނީ ގައުމުގެ މަސްލަހަތު، ރައްޔިތުންގެ މަސްލަހަތު، އެނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން" ހުސެއިން ސޯލިހު ވިދާޅުވިއެވެ.
ހުސެއިން ސޯލިހު ވިދާޅުވީ އައްޑީގެ ތަރައްޤީއަށް ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އައްޑޫ ވީރާނާވެފައިވާ މިންވަރު، އަޅުގަނޑުމެން އެއްވެސް ރައްޔިތަކު ބޭނުން ނުވޭ އައްޑޫ އިތުރަށް ވީރާނާވާކަށް، އަޅުގަނޑުމެން ބޭނުންވަނީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް، ގެސްޓު ހައުސް އަޅަން، އެއާޕޯޓު ހިންގަން، އެނޫން ކޮންކަމެއްތޯ އަޅުގަނޑުމެން ބޭނުންވަނީ"
ހުސެއިން ސޯލިހު ވިދާޅުވީ އައްޑޫ ތަރައްޤީ ކުރެވޭނީ ތަރައްޤީގެ ވިސްނުމުގެ ބަޔަކު މަޖްލިސްގައި ތިބެ އިހްލާސްތެރި މަސައްކަތެއް ކޮށްގެން ކަމަށާއި ރައްޔިތުން އެދޭ ތަރައްޤީ މަޖްލިސް ތެރެއިން ހޯދައިދޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ