ލޯތްބާއެކު މިފަހަރު ޣައްޒާގެ ޔަތީމު ކުދިންނަށް ސްކޫލް ބަހެއް ހަދިޔާކުރުމަށް އެހީވެދެއްވާ!

ޣައްޒާގައި ދިރިއުޅޭ ޔަތީމު ކުދިން ސްކޫލަށް ދިއުމަށް އެހީވުމުގެ ގޮތުން ސްކޫލް ބަހެއް ހަދިޔާކުރުމުގެ ކެމްޕެއިނެއް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފަށައިފިއެވެ.
”ލޯތްބާއެކު ޣައްޒާ ސްކޫލް ބަސް“ގެ ނަމުގައި ކުރިއަށް ގެންދާ އެ ކެމްޕެއިންއަކީ އައިއޭސީއިން ކުރިއަށްގެންދާ ލޯތްބާއެކު ސީރީޒްގެ ތެރެއިން ފެށި ކެމްޕެއިނެކެވެ.
އައިއޭސީން ބުނީ، ޣައްޒާގެ ކުޑަކުދިންނަށް 3 ސްކޫލް ބަސް ބޭނުންވާތީވެ، އެ ޖަމިއްޔާގެ ފަރާތުން މަދުވެގެން އެއް ސްކޫލް ބަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެކަމުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށާއި ހެޔޮ އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން އެ ކެމްޕެއިނަށް އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން އެހީ ޖަމިއްޔާގެ ނަމުގައި ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓް ނަންބަރު، 7770000026261 އަށް ފޮނުވުމަށް އައިއޭސީން އެދެއެވެ.
އަދި މަތީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ކޯޑް ވޯޑެއްގެ ގޮތުގައި ”ޣައްޒާ ބަސް“ ޖެއްސެވުމަށްފަހު ފައިސާ ޖަމާކުރުމުން ލިބިވަޑައިގަންނަވާ ސްލިޕްކޮޅު، 9122121 އަށް ވައިބާ ކޮށްދެއްވުމަށް އެ ޖަމިއްޔާއިން އެދެއެވެ.
ފަލަސްތީނުގެ ޣާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާމިިޔާބު ގިނަ ކެމްޕެއިންތަކެއް ހިންގާފައިވާ އައިއޭސީ ޖަމިއްޔާއިން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ވެސް ރާއްޖޭގައި ކެމްޕެއިނެއް ހިންގައިފައެވެ.
އޭގެ އިތުރުން ދާދިފަހުން، ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހާއްސަ ކެމްޕެއިނެއް ހިންގައިފައެވެ.
އެ ކެމްޕެއިނުން ޖުމްލަ ޖުމްލަ 2،150،630.56 ރުފިޔާ ލިބިފައިވާ ކަމަށް އައިއޭސީއިން ބުނާއިރު، އެ ފައިސާ މިހާރު ވަނީ އެހީގެ ތަކެތި ބެހުމަށް ޔަމަނުގައި ހަރަކާތްތެރިވަމުންދާ ތުރުކީގެ ޖަމިއްޔާއެއް ކަމަށްވާ އިހާހާ ޖަމިއްޔާއާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ