ގައުމުގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަ މަންޒަރު ފެނުމަށް ހިތް ނޭދުނު ނަމަވެސް ތުހުމަތުތަކެއް ކުރެވޭނަމަ އެކަން ފުރިހަމައަށް ތަހުގީގު ކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، ގައުމެއްގެ ރައީސްކަމުގެ މަގާމަކީ އިންތިހާބެއް ބާއްވައި ރައްޔިތުން ވަަރަށް ބޮޑު އިތުބާރެއް ކުރުމަށްފަހު ހަވާލުކުރާ އަމާނާތެއް ކަމަށެވެ. ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނުހިންގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރިހާ ރައްޔިތުންވެސް އެދޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ދައުލަތުގެ ފައިސާއަކީ ރައްޔިތުން ވަރަށް އަމާނާތްތެރި ކަމާއެކު ހަވާލުކޮށްފައިވާ އެއްޗަކަށް ވާއިރު އެފައިސާއަށް ޚިޔަނާތްތެރިވީ ކޮންމެ މަގާމެއްގައި ހުރި ބޭފުޅެއް ކަމުގައި ވީނަމަވެސް އެ ބޭފުޅެއްގެ މައްޗަށް މިނިވަން އިންސާފުވެރި ފުރިހަމަ ތަހުގީގެއް ހިންގަނެ ޖެހޭނެ ކަމަށެވެ. އެކަމުގައި އެމީހަކު އަދާކޮށްފައިވާ މަގާމެއް ނުވަތަ ހުރި މަގާމެއް ބެލުމެއްނެތި ގާނޫނާ އެއްގޮތަށް އަމަލު ކުރެވެން ޖެހޭނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އެންމެ ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރަކީ ރައްޔިތުންގެ އެދުމާއިވެސް އެއްގޮތަށް ވެރިކަމުގައި ހުންނަވާ ބޭފުޅަކީ ރައްޔިތުންނަށް އަމާނާތްތެރި އަދި މިސާލެއްގެ ގޮތުގައި ހުންނަވާ ބޭފުޅަކަށް ވެގެންދާ މަންޒަރު ކަމަށެވެ.
ވެރިކަމުގައި ހުންނެވި ބޭފުޅަކު ޖަލު ބަންދުގައި ހުންނަ މަންޒަރަކީ ބަލާލަން ހިތްގައިމު އަދި ރީތި މަންޒަރެއް ނޫން ކަމަށާއި އެހެންނަމަވެސް ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ ހާލަތުގައި ފުރިހަމަ ތަހުގީގެއް ހިިންގަން ޖެހޭނެ ކަމުގައި ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ހައްޔަރު ކުރެވިފައިވާއިރު އެއްކަމެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަހްގީގު ރިޕޯޓުން، އެ ފައިސާގެ ބޭނުންކޮށްފައިވާ ގިނަ ފަރާތްތަކެއް އުޅޭކަން ފާހަގަ ކުރެވޭއިރު އެކަމުގައި މިހާތަނަށް ހައްޔަރު ކުރެވި ތަހުގީގު ހިންގިފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އެކަނި ކަމަށް ވުމުން އެއީ ސިޔާސީ ނިންމުމެއް ކަމަށް ގަބޫލުކުރާ ގިނަބަޔަކު އުޅޭކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގައުމުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ އަމަލުގެ ތުހުމަތު އެތައް ބައެއްގެ މައްޗަށް ކުރެވިފައިވާއިރު ކުރިޔަށް އޮތް މަޖިލިސް އިންތިހާޚާގައި ވާދަކުރައްވާ ބޭފުޅުންވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.
އިންތިހާބެއްގައި ވާދަކުރާއިރު އެމީހެއްގެ އިންސާފުވެރިކަމާއި އަމާނާތްތެރި ކަމަކީ ރައްޔިތުން ބަލާނެ އެންމެ މުހިންމު އެއް ސިފައަށް ވާއިރު، އިންތިހާބުގެ ކުރިން ތަހުގީގުތައް ނިންމުން މުހިންމު ކަމުގައިވެސް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
ކުރީގެ ރައީސަކު ޖަލުގައި ބަހައްޓަން ނޭދުނުނަމަވެސް ތުހުމަތެއް ކުރެވޭނަމަ ތަހުގީގުކުރަންޖެހޭ: އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ