ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ "މިހާރުވެސް އުޅޭ ހިޔާލްތަފާތުވުންތަކަކީ އެކަމަށްޓަކައި އަޅުގަނޑުމެން އެއްވެސް ގޮތަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫން، ވަރަށް އާދައިގެ ކަމެއް" ކަމަށެވެ. އަދި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވަރަށް ހިކުމަތްތެރިކަމާއެކު ހައްލުކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް، މިސަރުކާރުގެ ތެރޭގައި އެއްބައިވަންތަކަން ވަރަށް ބޮޑު، އަޅުގަނޑަށް އެނގިފައިވާގޮތުގައި ކޯލިޝަންގެ ހުރިހާ މެމްބަރުން ވެސް ތިއްބެވީ ގުޅިގެން މަސައްކަތް ކުރައްވާގޮތަށް. ދެން ބައެއް ފަހަރަށް ބައެއް ކަހަލަ ކަންތައްތަކުގައި ހިޔާލް ތަފާތު ވުމަކީ އެކަށީގެންވާ ކަމެއް،" "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް އަލިއަޅުވާލައި ރައީސް މައުމޫން ވިދާޅުވީ ކޯލިޝަންގެ ދެ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއަށް ބައެއް ދާއިރާތައް ދޫކުރުމަށް ނިންމާފައިވާ ނިންމުމަށް ޕީޕީއެމްއިން އަމަލުކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްއަކީ އެގްރިމެންޓަށް އިހުތިރާމް ކުރާ އަމަލުކުރާނެ ޕާޓިއެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވާހަކައިގައި ވަނީ މިއަދުގެ ސަރުކާރުގެ ހުރިހާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވާތީ އެކަމާ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މެލޭޝިއާއަށް ރައީސް މައުމޫން ކުރެއްވި އަމިއްލަ ދަތުރުފުޅުގައިވަނީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރު މަހާތިރު މުޙަންމަދާއި ބައްދަލުކުރައްވާފަ އެވެ. ރައީސް މައުމޫން މިރޭ މާލެ ވަޑައިގަތުމާއެކު ރަސްމީ ފާލަމުން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ކޯލިޝަންގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކީ ވަރަށް އާދައިގެ ކަމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ