ޕީއެސްއެމް ރިޕޯޓްގެ މައްސަލަ ބަލަންޖެހޭ: މައުމޫން ހަމީދު

ކުރީގެ ރައީސް މައުމޫނާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ޝާއިއުކޮށް ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަންޖެހޭނެ ކަމުގައި، މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވިދާޅުވީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ބަލަން އުޅުމުގެ ކުރިން ދައުލަތުގެ ގުނަވަންތަކުން ކުރާ ކުށުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމުގައެވެ.
އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ރައީސް ޔާމީން ތަސްދީޤު ކުރެއްވިތާ 24 ގަޑިއިރުވެސް ނުވަނީސް ދައުލަތުގެ މީޑިއާއިން ޝާއިއުކޮށް ބްރޯޑްކާސްޓްކުރި އެރިޕޯޓަކީ، އެޤާނޫނުގެ ދަށުން ބެލޭ ފުރަތަމަ މައްސަަލައަށް ވެދާނެތޯވެސް މައުމޫން ހަމީދު ވަނީ ސުވާލު އުފައްދަވާފައެވެ.
އެ ރިޕޯޓް ޕީއެސްއެމްގެ ވެބްސައިޓުގައި ވެސް ޝާއިއު ކުރުމުގެ އިތުރުން ޓީވީއެމްއިން ބްރޯޑްކާސްޓްކުރި އިރު، ވެބްސައިޓުން އެރިޕޯޓް ފޮހެލާފައިވާއިރު، 8 ގެ ޚަބަރު ފިޔަވައި އެހެން ޚަބަރު ގަޑިތަކުގައި އެރިޕޯޓް ބްރޯޑްކާސްޓް ކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާއްމުންނާއި ނޫސްވެރިންގެ ވެސް ބޮޑެތި ފާޑުކިޔުންތަކެއް ޕީއެސްއެމްގެ އެރިޕޯޓަށް އަމާޒުވި އިރު، އިއްޔެ ތަސްދީގުކޮށް، އަމަލު ކުރަން ފެށި ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން އަބުރާ ބެހުން ކަމަށް ބަލާ ކަންތައްތަކެއް އެ ރިޕޯޓްގައި އެކުލެވިގެންވާ ކަމަށް ޤާނޫނީ ވަކީލުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނު މަޖިލީހުން ދިރާސާ ކުރިއިރު، ޕީއެސްއެމް އިން އެ ބިލަށް ތާއީދުކޮށްފައި ވާއިރު، އެބިލް ފާސްކުރި ދުވަހު، އަބުރު ރައްކާތެރި ކުރުމާއި ގުޅޭ ގޮތުން އެތައް ގަޑިއިރެއްގެ ލައިވް ކަވަރޭޖެއްވެސް ދައުލަތުގެ މީޑިއާއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އަދި އެ ބިލުގައި ކަންބޮޑުވާ މަދު ކަންތައްތަކެއް ހުއްޓަސް، ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި އެއީ ކޮންމެހެން އޮންނަންޖެހޭ ގާނޫނެއް ކަމަށް ބިލު ދިރާސާ ކުރި ކޮމިޓީގައި ޕީއެސްއެމްގެ ބޯޑު މެމްބަރުން ވިދާޅުވެފައިވެއެވެ.
ޕީއެސްއެމްއިން ޝާއިއުކޮށް ބްރޯޑްކާސްޓް ކުރި މިރިޕޯޓާއި ގުޅިގެން ރަސްމީ ސިފައެއްގައި ޕީއެސްއެމްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ