ޝަރުއީ ދާއިރާގެ އިތުބާރު މިއަހަރު ބޮޑުވެގެންދާނެ

ޝަރުއީ ދާއިރާގެ ހިންގުމުގެ ގާބިލްކަން އިތުރަށް ކުރިއަރާ މުޖުތަމައުގެ އިތުބާރު ޝަރުއީ ދާއިރާއަށް ބޮޑުވެގެންދާނެ އަހަރަކަށް މިއަހަރު ވެގެންދާނެ ކަމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ ޝަރުއީ ދާއިރާގެ އަހަރީ މަހާސިންތާ ފެށުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ޝަރުއީ ކޯޓްތައް ވަރަށް ބޮޑަށް ބިޒީވެގެން ދިޔަ އަހަރެއް ކަމަށާއި އެއީ އަދުލު އިންސާފަށް އަވަސްކަމާ ފަސޭހަަކަމާއި އެކު ރައްޔިތުންނަށް ވާސިލް ވެވުނު އަހަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި މައްސަލަތައް އިސްތިއުނާފް ކުރުމުގެ މުއްދަތަށް ގެނެވުނު ބަދަލާއި ގުޅިގެންނާއި އެކިއެކި ބޭފުޅުން ކޯޓްތަކަށް ފޮނުވައިގެން ނުނިމި ހުރި މައްސަލަތައް ނިންމުމަށް ކުރެވުނު މަސައްކަތަކުގެ ސަބަބުން މިދިޔަ އަހަރަކީ ކޯޓްތަކުގައި ނުނިމި ހުރި މައްސަލަތައް އެންމެ ބޮޑަށް މިފަހުގެ ތާރީހެއްގައި މަދުކުރެވުނު އަހަރު ކަމަށްވެސް ވިދާޅުވި އެވެ. އަދި ސިވިލް ކޯޓުގައި މިދިޔަ އަހަރު ގާއިމުކުރެވުނު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންގެ ސަބަބުން ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 40 އިންސައްތަ މައްސަލާގައި ދައުވާ ނުކޮށް މިދިޔަ އަހަރުގެ ތެރޭގައި ހައްލު ހޯދައިދެވުނު ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކުރަނީ މިއަހަރު ޝަރުއީ ދާއިރާގެ ހިންގުން ނުވަތަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގާބިލިއްޔަތު އިތުރަށް ކުރިއަރާ އިންވެސްޓްމަންޓާ ޕަބްލިކް ކޮންފިޑެންސް ޝަރުއީ ދާއިރާއާއި މެދު އިތުރުވެގެންދާނެ އަހަރަކަށް މިއަހަރު ވުން. މިމަހާސިންތާ މިފަދަ މައްސަލަތަކާއި މެދު މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިއަހަރުވެސް މުހިއްމު ބޮޑެތި މަސައްކަތްތަކެއްް ކުރެވެމުންދާ ކަމަށެވެ. ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިންނަށް ނުހަނު ބޭނުންވެފައިވާ މާކެންޓައިލް ޖަސްޓިސްގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސިވިލް ކޯޓުގެ ޑިވިޒަނެއް މިހާރު ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ކަމަށެވެ. ޝަރުއީ ދާއިރާގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާ ކުރުމުގެ މަގުސަދުގައި އެންމެ ބޮޑު ވައިޑް އޭރިއާ ވިއުގާ ގާއިމުކޮށް 100 އަށް ވުރެ ގިނަ ޝަރުއީ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ފަނޑިޔާރުން ތަމްރީން ކުރުމަށް ތަފާތު ޕްރޮގްރާމްތައް މިހާރު ފެށިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ގާއިމުވެފައިވާ ޝަރުއީ ދާއިރާއެއްގެ ގޮތުގައި ފަނޑިޔާރު ގެތައް ދެމެހެއްޓުމަކީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ފަނޑިޔާރުންގެ އެންމެ އިސް ވާޖިބު ކަމަށެވެ. އެގޮތަށް އެކަން ކުރެވޭނީ ފަނޑިޔާރު ގެތަކާއި ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުކުރެވިގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި މުޖުތަމައުގައި ހަމަވިސްނުމުން ވިސްނާ މީހަކު ފަނޑިޔާރަކު ނުވަތަ ކޯޓް ވަކި އަތަކަށް ނުވަތަ ވަކި ފަރާތަކަށް ޖެހިއްޖެ ކަމަށް ގަބޫލުކުރާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ނުކުރުމަކީ ފަނޑިޔާރުންގެ އިތުބާރު ހިފެހެއްޓުމުގެ އެންމެ މުހިއްމު އަސާސް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފަނޑިޔާރުންގެ ސުލޫކާއި އަމަލުތައް ހުންނަނީ އަމާނާތްތެރިކަމާ ތެދުވެރިކަމާ އެކުގައި ކަމުގެ އިތުބާރަށް ބުރޫއަރާ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ނަޒާހަތްތެރިކަމުގެ އެންމެ މުހިއްމު އެއް ބަޔަކީ ފިކުރީ ނަޒާހަތްތެރިކަން. ތެދުވެރިކަމާއި އެކު ހަގީގަތް ހޯދައި އޭގެ މައްޗަށް ހަމަހަމަ ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާއި އެކު ސަލާމަތް ބުއްދީގެ ހަމަތަކާއި އެއްގޮތްވާ ގޮތަށް އަދި އަދުލު އިންސާފުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުގެ ހުކުމް ތަޚުބީހު ކުރުން ބިނާ ވަނީ ވިސްނުމާ ފިކުރުގެ ނަޒާހަތްތެރިކަމުގެ މައްޗަށް. މިނަޒާހަތްތެރިކަން ނެތި ހުކުމް ބިނާ ކުރާ ސަބަބުތައް ރަނގަޅަށް ބަޔާންކޮށް އަދުލުވެރި ހުކުމެއް ކަނޑައެއް ނޭޅޭނެ.... ދައުވާގެ ހަސްމުންގެ ހައްގުތަކާއި މަސްލަހަތުތަކަށް ރިއާޔަތްކުރުމާ ގާނޫނުން ދެވެން އޮންނަ ލުޔެއް ދެވޭ މިންވަރަކަށް އޯގަތެރިކަން ހުރުމަކީވެސް އަދުލުވެރިކަމުގެ ހާއްސަ ސިފައެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެފުށް ފެންނަ އިޖުރާއާތްތަކަކާއި އެކު ޝަރީއަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުން ޒަމާނީ ކޭސް މެނޭޖްމަންޓުގެ ގޮތްތަކާއި އިޖުރާއަތްތަކާއި ވަސީލަތްތަކަށް ފަނޑިޔާރުންނާ މުވައްޒަފުން ތަމްރީންވެ ފަރިތަވުން ވަރަށް މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ. މިމަގުސަދު ހާސިލްކުރެވޭނީ ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުމާއި އެކު، އިންސާނީ ވަސީލަތުގެ ގޮތުންނާއި ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތުގެ ގޮތުން ޝަރުއީ ދާއިރާގެ ކެރިފޯރުންތެރިކަމާ ގާބިލްކަން އިތުރުކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ އަހަރީ މަހާސިންތާ ބޭއްވުމަކީ ޝަރުއީ ދާއިރާއަށް ވަރަށް ހާއްސަ މުނާސަބަތެއް ކަމަށާއި މިއަހަރުގެ މަހާސިންތާއަކީ ވަރަށް ގިނަ ހައިސިއްޔަތުން ވަރަށް ހާއްސަ މަހާސިންތާއެއް ކަމަށެވެ. ޝަރުއީ ދާއިރާގައި ޒިންމާ އަދާކުރަން ތިއްބަވާ އެންމެ އިސް ފަރާތްތަކަކީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ފަނޑިޔާރުން ކަމަށާއި އެހެންކަމުން އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ފަނޑިޔާރުން ތައްޔާރުވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ އިލްމީ ގާބިލްކަން މިހާރަށް ވުރެ ވެސް އިތުރުކުރުމާއި ފަނޑިޔާރުންގެ ގަލޯއީ ހުނަރު މިހާރަށް ވުރެ ވެސް ބޮޑަށް ތަރައްގީކުރުމާއި އިޖުތިމާއީ އަދި ފަރުދީ ހަޔާތުގެ ނިސްބަތުގައި ޒަމާނަށާއި މަކާނަށް އަންނަ ބަދަލުތަކާއި މެދު ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެވިގެން ދިއުމަކީ ވަރަށް ވެސް މުހިއްމު ކަންކަން. މިރޭ މިފެށޭ މަހާސިންތާ ފަދަ ހަރަކާތްތަކުގެ ސަބަބުން މިދަންނަވާ ކަންކަމަށް މަގުފަހިވެގެންދޭ،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ