ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ތާއީދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް އެމަނިކްފާނު އަތޮޅުތަކަށް ދަތުރުފުޅުތަކެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް މައުމޫން އަތޮޅުތަކަށް ދަތުރުފުޅުތަކެއް ކުރެއްވުމަށް ނިންމެވީ ރޭ ބޭއްވި ޕީޕީއެމްގެ ކަައުންސިލް ބައްދަލްވުމުގައެވެ.
މައުމޫނަށް ތާއީކުރާ ފަރާތްތަކުން އެމަނިކްފާނު ދިރިއުޅުއްވާ ގެކޮޅުކަމުގައިވާ މާފަންނު އެންދެރިމާގޭގައި ބޭއްވި ކައުންސިލް ބައްދަލްވުމުގައި ނިންމާފައިވާ ނިންމުންތަކާއި ގުޅޭގޮތުން އެފެކްޝަންގެ ތަރްޖަމާން އިބްރާހިމް ޝުޖާއު ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި މެންބަރުން މުހިންމު ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
ޝުޖާއު ވިދާޅުވީ މިސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންނެވުމަށް ރައީސް މައުމޫން ނިންމެވި ނިންމެވުމާއި ގުޅިގެން އަތޮޅުތެރޭގައި ތިބި އެމަނިކްފާނަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތްތަކުން ރައީސް މައުމޫނާއި ގުޅުއްވާ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައިވާކަމަށެވެ،
އަދި އެ ފަރާތްތަކުން ތިބީ ރައީސް މައުމޫނާއިއެކުގައިކަމަށް ހާމަކުރައްވާ މައުމޫނަށް ހިތްވަރު ދެއްވާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ރައީސް މައުމޫނާއި މިވަގުތު ބައްދަލުކުރައްވަން ބޭނުންފުޅުވާތީ އެ ވާހަކަ ހިއްސާކުރަމުން ގެންދަވާކަމަށެެވެ.
އެހެންކަމުން ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ދަތުރުފުޅުތަކެއް ކުރެއްވުމަށް ކައުންސިލުން ނިންމާފަައިވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
"ވަަރަށް އަވަހަށް ދަތުރުތައް ފެށިގެންދާނެ އިރާދަކުރެއްވިއްޔާ. ނަމަވެސް މިވަގުތު އަދި ތާރީހުތަކެއް ހަމައެއް ނުޖެހޭ. އެ މައުލޫމާތުތައް ފަހުން ހާމަކުރަމުން ގެންދާނެ." މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރަށް ރޭގެ ކައުންސިލް ބައްދަލްވުމުގައި ވަނީ ޕީޕީއެމްގެ އޮފީހުގައި ހުރި ތަކެތި ކޮންބައެއްކަން ނޭންގޭ ބަޔަކު ގެންގޮސްފައިވާތީ އެކަންވެސް ކުށްވެރިކޮށް ކައުންސިލުން ބަޔާނެއް ނެރެފައެވެ.
އަދި ޕީޕީއެެމްގެ އޮފީސް ހިންގަމުންދިޔައީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުއްޔަށް ނަންގަވާފައިވާ އިމާރާތެއްގައިކަމަށްވާތީ މިއަދުން ފެށިގެން އެ އޮފީސް ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ހިންގެވުމަށްވެސް ކައުންސިލް ބައްދަލްވުމުގައި ވަނީ ނިންމާފައެވެ.
ރައީސް މައުމޫން ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މިސަރުކާރަށް އެމަނިކްފާނު ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެނެސްފައިވާކަން ހާމަކުރައްވާފައެވެ. ރައީސް މައުމޫންގެ މި ނިންމެވުމާއިއެކު ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ރައީސް މައުމޫން ހިންގަވަމުންގެންދެވި ޕީޕީއެމްގެ އޮފީހުގައި ހުރި ހުރިހާ ހަރުމުދަލެއް ދަރުބާރުގޭގައި ރައީސް ޔާމީން ހިންގަވަމުން ގެންދަވާ އެ ފެކްޝަންގެ އޮފީހަށް ބަދަލްކުރައްވާފައެވެ.
ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް މައުމޫން އަތޮޅުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ