އަބްދުﷲ ޝާހިދު ވަނީ ސުޕްރީމް ކޯޓަށް ގޮންޖައްސަވާފައި: ގައުމީ ހަރަކާތް

އިތުބާރު ނެތް ކަމަށް ނަގާ ވޯޓު ސިއްރު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ނޯޓިސް ފޮނުވައި، އަބްދުﷲ ޝާހިދު އެ ވަނީ އެ ކޯޓަށް ގޮންޖައްސަވާފައި ކަމަށް ގައުމީ ހަރަކާތުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވާތީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ސިއްރު ވޯޓެއް ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.
ރައްޔިތުންގެ ގައުމީ ހަރަކާތުގެ ފަރާތުން "ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" މިނަމުގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ހަރަކާތް ހިންގާ ކޮމެޓީގެ މެމްބަރު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ ރައީސް ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖެއްސެވުމަށް ފަހު އެ ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވެނީ މުޅި ހަޔާތުގައި ވެސް އެފަދަ ފިނޑި އަމަލުތައް ކުރައްވާތީ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިއްރިއްޔާތުގައި "އަނދިރި ބާރުތަކާ" އެކު ނިކުމެ އެންމެ ތިން މަސް ދުވަހަށް ނަމަވެސް އަބްދުﷲ ޝާހިދުގެ އަތް މައްޗަށް ވެރިކަން ފުރޮޅޭނެ ކަމަށް ހީފުޅު ކުރައްވާ ނަމަ އެއީ ވަހުމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ މުގުރާލުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާނުލައިފި ނަމަ ގައުމީ ހަރަކާތުން ނިކުމެ އެކަން ހުއްޓުވާނެ ކަމަށެވެ.
"އަބްދުﷲ ޝާހިދު އަށް މި އަންގަނީ ރައްޔިތުންގެ މަޖިލީސް ކަމަށް ވިޔަސް ގާނޫނު އަސާސީ މުގުރާލަން މަސައްކަތްކުރާ ނަމަ އަޅުގަނޑުމެން މަޖިލިސް މުގުރާލާނަމޭ. ސުޕްރީމް ކޯޓަށް ގޮންޖެއްސެވުން އެއީ ޝާހިދު ކުރެއްވި ވަރަށް ފިނޑި އަމަލެއް. ހަޔާޔުގައި ވެސް އެކަންކަން ކޮށްފައިވާތީވެ ކުރެވޭ ކަންކަން އެއީ. މިގައުމުގެ ވެރިކަން މަނިކުފާނުގެ އަތްމައްޗަށް އެންމެ ތިން މަސްދުވަހަށް ނަމަވެސް ފުރޮޅޭނެ ކަމަށް ހީފުޅު ކުރައްވާ ނަމަ ތިޔައީ ވަހުމެއް. ތިޔައީ ހުވަފެނެއް. ތިޔަ ހުވަފެން ދުވަހަކު ވެސް ހަގީގަތަކަށް ނުވާނެ. ޝާހިދަށް މި އަންގަނީ ގާނޫނު އަސާސީ މުގުރާލަން ތިޔަ ކުރައްވާ މަސައްކަތް ވަގުތުން ހުއްޓާލައްވާށޭ. ނޫނީ އަޅުގަނޑުމެން އެކަން ހުއްޓުވާނަމޭ،" އައްބާސް ވިދާޅުވި އެވެ.
ރައްޔިތުންގެ ގައުމީ ހަރަކާތުން ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް މި ނަމުގައި ބާއްވަން ރާވާފައިވާ ސިލްސިލާ ބައްދަލުވުންތައް ރޭ ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ