ހަކަތަ ބޭނުން ކުރުމުގައި ފައިދާ ކުރުވަނިވި ގޮތަކަށް ބޭނުންކުރުމަށް މައުމޫން ގޮވާލައްވައިފި

ހަކަތަ ބޭނުން ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ވިސްނުންތެރިކަމާއިއެކު، ފައިދާ ކުރުވަނިވި ގޮތެއްގައި ބޭނުން ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އިންޑޮނޭޝިއާގެ ބާލީ ގައި ކުރިއަށްދާ އިންޓަނޭޝަނަލް ސްޓޫޑަންޓް އެނާޖީ ސަމިޓް 2015 ގައި ތަގުރީރު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް މެދުވެރިވާ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުން ކުރުމުގައި އަމަލުކުރެވޭ ގޮތްތަކަކުން ކަމަށެވެ.
އަދި ހަކަތަ އާއި މޫސުމަށް އަންނަ ބަދަލުތައް މިއީ ވަރަށް ގުޅުން ބޮޑު ދެކަމެއް ކަމަށާއި އެއީ އެއް ފައިސާ ފޮއްޗެއްގެ ދެފުށް ކަމަށް ވިދާޅުވެ، ހަކަތު ބޭނުން ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ވިސްނުންތެރިކަމާއިއެކު، ފައިދާ ކުރުވަނިވި ގޮތެއްގައި ބޭނުން ކުރުމަށް ރައީސް މައުމޫން ގޮވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް އެއީ،  އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އަދި ސިޔާސީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުމަކަށް ވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު އެންމެ ބޮޑަށް ކުރާނީ، ބޮޑެތި ގައުމުތަކަށްވުރެ ބޮޑަށް ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކަށާއި، ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް އެނާޖީ ސަމިޓަކީ މޫސުމާއި ބެހޭ މައްސަލަތައް ޒުވާނުންގެ ސަމާލު ކަމަށް ގެނައުމުގައި ވަރަށް މުހންމު ދައުރެއް އަދާ ކުރާނެ ސަމިޓެކެވެ. އެހެންކަމުން މި ސަމިޓު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށާއި، ހާއްސަކޮށް ކާލީ ޓޭލާރ އަދި ސްޓޫޑަންޓް އެނާޖީ މޫވްމަންޓަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.
ޒުވާނުންނަކީ، ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް ކަމަށާއި ޒުވާނުންގެ ސަބަބުން މުސްތަގުބަލާ މެދު ކުރެވެނީ ވަރަށްވެސް ފޮނި އުންމީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަހަރުތެރޭގައި، ޕެރިހުގައި ބޭއްވުމަށްހަމަޖެހިފައިވާ، އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރަންސްގައި މޫސުމަށް ކުރާ އަސަރުތައް ކުޑަ ކުރެވޭނެ ގޮތްތަކަކަށް ދުނިޔޭގެ ގައުމުތަކުން އެއްބަސްވާނެ ކަމަށެވެ.
ރައީސް މައުމޫން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ވާ ޒުވާނުން އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، މޫސުމަށް ކުރާ އަސަރުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ