ކަރަންޓް ބިލުތަކަށް ނަގާ އަގަށް ބަދަލެއް ނުގެންނަން - ފެނަކަ

ފެނަކައިން ކަރަންޓް ބިލުތަކަށް ނަގާ އަގަށް ބަދަލު ގެނައުމަކީ މި ސަރުކާރުން ކަރަންޓު ބިލުގެ އަގު ބޮޑުކުރުން ނޫން ކަމަށް، ފެނެކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ، ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށެވެ.
އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށާއި، މި ބަދަލާއެކު އެ ކުންފުންޏަށް ލިބޭނެ ނަފައެއް ނޯންނާނެ ކަމަށް ވެސް ހަމީޒު ވިދާޅުވިއެވެ. އެ ބަދަލުގެ ސަބަބުން މީގެ ކުރިން ސަރުކާރުން ދައްކަމުން އައި ސަބްސިޑީ ވިޔަފާރިވެރިން ދައްކަން ޖެހޭނެ ކަމަށް ހަމީޒު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ސަބްސިޑީއަށް ބޮޑު ޚަރަދެއް ކުރުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިދިޔަ އަހަރު ވެސް 600 މިލިއަން ރުފިޔާ ސަބްސިޑީ ދިނުމަށް ސަރުކާރުން އެ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ވިޔަފާރިތަކަށް ސަބްސިޑީ ދޭ އިރު އަގު ހެޔޮކޮށް މުދާ ވެސް ލިބެންޖެހޭ ކަމަށާއި ނަމަވެސް ތަކެތީގެ އަގު ހެޔޮނުވާތީ އެކަން ދެކޮޅު ނުޖެހޭ ކަމަށް ވެސް ނިމާލު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު އަހުމަދު ނަޖާހު ވިދާޅުވީ، އަލަށް ގެނެވުނު އެ ބަދަލާއެކު ކަރަންޓު ބިލުގެ ރޭޓު ވަރަށް ބޮޑަށް މަތިވެފައި ވަނީ 2009 ވަނަ އަހަރު ފާސްކޮށްދީފައިވާ ރޭޓުތަކާ ޚިލާފަށް ބިލް ކުރަމުން ދިޔަ ތަންތަނަށް އެކަނި ކަމަށެވެ.
މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން، ކުޅުދުއްފުށީ އަދި އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިން ވަނީ މުޒާހަރާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ