ކަރަންޓް ސަބްސިޑީ ކަނޑާލުމުގެ ސަބަބުން މަކުނުދޫގެ ފިހާރަތަށްވެސް ބަންދުކޮށްފި

ކަރަންޓް ސަބްސިޑީ ކަނޑާލުމާ ގުޅިގެން އިއްޔެ ހދ.ކުޅުދުއްފުށީގައި ފިހާރަތައް ބަންދުކޮށްފައިވަނިކޮށް މިއަދު އެއަތޮޅު މަކުނުދޫގެ ފިހާރަތައް ބަންދުކޮށްފިއެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާކިރު ވިދާޅުވީ ކަރަންޓް ސަބްސިޑީ ކަނޑާލާ ކަރަންޓު ބިލްތައް ދެގުނަ ބޮޑުވުމުގެ ސަބަބުންް ވިޔަފާރިތަކަށް ފައިދާ ނުވެ ގެއްލުންވާ ކަމަށް ބުނެ މިއަދު ހެނދުނު އެރަށުގެ ވިޔަފާރިވެރިން ވިޔަފާރިތައް ބަންދުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން 1500 ރުފިޔާ އަރާ ފިހާރަތަކަށް މިހާރު 3000 ރުފިޔާ އަށްވުރެ މައްޗަށް އަރާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މިއަދު ހެނދުނު ވިޔަފާރިވެރިން ވަނީ ފިހާރަތައް ބަންދުކޮށްފައި. ކަރަންޓް ސަބްސިޑީ ކަނޑާލުމުގެ ސަބަބުން ބިލްތައް ދެގުނަ ބޮޑުވެފައި ކަމަށް ވިޔަފާރިވެރިން ބުނަނީ. އެކަށީގެންވާ އާމްދަނީ އެއް ނުލިބޭ ކަމަށް ވިޔަފާރިވެރިން ބުނަނީ. މިހާރު ކައުންސިލުން މިދަނީ މިރަށު ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ކޮބައިތޯ ބަލައި ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ މަސްއަކަތް ކުރަމުން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުރިން 400 ޔުނިޓަށްވުރެ މަތިން އަރައިފިނަމަ ޔުނިޓަކަށް 3.50 ރުފިޔާ ނަގަމުން އައި ނަމަވެސް މިހާރު ނަގަނީ 400 ޔުނިޓަށްވުރެ މަތިވެއްޖެނަމަ ޔުނިޓަކަށް 7.50 ރުފިޔާ ކަމަށް މަކުނުދޫ އިންޖީނުގެ ހިންގުމާ ހަވާލުވެހުރި ޖަބީން އަލީ ވަގުތަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މިއަދު އެރަށުގައި ހުޅުވާފައި ހުރީ އެސްޓީއޯގެ ބޭސް ފިހާރަ އެކަންޏެވެ.
މަކުނުދޫ ކައުންސިލުން ވިދާޅުވީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް މިހާޜު ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ މަސްއްކަތް ކުރަމުންދާކަމަށެވެ.
އިއްޔެ ހެނދުނު ހދ.ކުޅުދުއްފުށީގެ ވިޔަފާރިވެރިން ކަރްންޓް ސަބްސިޑީ ކަނޑާލުމުގެ ސަބަބުން ވަނީ ވިޔަފާރިތައް ބަންދުކޮށް އިހްތިޖާޖް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ