އަލުން އޯޓޮޕްސީ ހެދުމަށް، ރައުދާގެ ހަށިގަނޑު ކޮނެގެން ނަގަން ކޯޓުން ހުއްދަ ދީފި

ރައުދާ އާތިފްގެ މަރުގެ ތަޙުޤީޤު ކުރުމަށްޓަކައި ބަންގްލަދޭޝް ގެ ކްރައިމް އިންވެސްޓިގޭޓިވް ޑިޕާޓްމެންޓު (ސީއައިޑީ) އިން އަލުން އޯޓޮޕްސީ ހެދުމަށް، ރައުދާގެ ހަށިގަނޑު ކޮނެގެން ނުގުމުގެ ހުއްދައަށް އެދުމުން، ބަންގްލަދޭޝްގެ ކޯޓަކުން އެހުއްދަ ދީފިއެވެ.
ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުން ދިޔަ ރާއްޖޭގެ މޮޑެލް ރައުދާ އާތިފް މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ މާރިޗް މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ބަންގްލަދޭޝްގައި އޭނާ ދިރިއުޅެމުން ދިޔަ ކޮތަރި ތެރެއިންނެވެ.
މެޓްރޮލިޓެން މެޖިސްޓްރޭޓް މަޙްބުބުރް ރަޙްމާން މިއަދު އެހުއްދަ ދީފައިވަނީ ބަންގްލަދޭޝް ސީއައިޑީ ގެ އިންސްޕެކްޓަރ އަސްމައުލް ހޯގް، އިއްޔަ އެހުއްދައަށް އެދުމުންނެވެ.
މީގެއިތުރުން އެކޯޓުން އަމުރުކޮށްފައިވަނީ މިފަހަރުގެ އޯޓޮޕްސީ ހަދާއިރު އިތުރު ޑިސްޓްރިކްޓް ޤާޒީ އެއްވެސް ބަހައްޓައިގެން އޯޓޮޕްސީ ހެދުމަށެވެ.
ބަންގްލަދޭޝް ގެ އޮންލައިން ނޫހެއްކަމަށްވާ ޑެއިލީ ސްޓާރ އަށް މަޢުލޫމާތު ދެމުން އިންސްޕެކްޓަރ އޮފް ސީއައިޑީ އަސްމައުލް ހޯގް ވިދާޅުވެފައިވަނީ މިފަހަރުގެ އޯޓޮޕްސީ ހަދާނީ ނިއުޓްރަލް ބޯޑަކުން ކަމަށާއި ނަމަވެސް އޯޓޮޕްސީ ހަދާނެ ދުވަހެއް އަދި ކަނޑަނާޅާ ކަމަށެވެ.
ރާޖްޝާހީ ގެ ސްޕެޝަލް ސުޕާރއިންޓެންޑެންޓް އޮފް ސީއައިޑީ ނަޒްމޫލް ކަރީމް ޚާން އިއްޔެ ބުނެފައިވަނީ، ދެވަނަ އޯޓޮޕްސީ އެއް ހެދުން މުހިންމުވެފައިވަނީ ފުރަތަމަ އޯޓޮޕްސީގައި، ރައުދާ އަމިއްލައަށް ދަންޖެހިގެން މަރުވިކަމަށް ނިންމާފައިވާތީ ކަމަށެވެ.
ރައުދާ އާތިފް ގެ ބައްޕަ ޑރ. މުޙައްމަދު އާތިފް ވަނީ ކުރިން ހެދި އޯޓޮޕްސީ ރިޕޯޓު ޤަބޫލުކުރަން އިންކާރުކޮށްފައެވެ.
ޑރ. އާތިފް ވިދާޅުވަނީ، ރައުދާ އަމިއްލައަށް ދަންޖެހިގެން މަރުވީ ނޫން ކަމަށާއި ކަރުގައި ހިފާ މަރާލީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ