ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމުގެ ޚުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.
ކުޑަކަމުދާތަކެތި ނުދިން މައްސަލާގައި ޖާބިރު ޖަލަށްލުމަށް މިދިޔަ ބުރާސްފަތިދުވަހު ހުކުމްކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ރިޕޯޓް ކޯޓުން ދޫ ނުކުރި އެވެ. އެ ރިޕޯޓަކީ 14 ދުވަސް ތެރޭގައި ދޭންޖެހޭ އެއްޗެއް ކަމަށް ކޯޓުން ބުނަމުން ދިޔައިރު ޖާބިރުގެ ފަރާތުން ބުނަމުން ދަނީ އެއީ ވަގުތުން ދޭންޖެހޭ އެއްޗެއް ކަމަށެވެ.
ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވީ ހެނދުނުގެ ވަގުތެއްގައި އެ ރިޕޯޓް ކޯޓުން ދޫކޮށްފައިވާ ކަމަށާއި ރިޕޯޓް މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރުގެ ހުކުމުގެ ޚުލާސާ ރިޕޯޓް ނެތުމުން ސަބަބުން އޭނާގެ ފަރާތުން ކުރިން ހުށަހެޅި އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައި ނުގަތެވެ.
ޖާބިރު ޖަލަށްލުމަށް ދަށު ކޯޓުން ހުކުމްކުރީ ނޮވެމްބަރު، 2012 ގައި ހދ. ހޮނޑައިދޫން ޖާބިރާ އިތުރު ބަޔަކު ހައްޔަރު ކުރުމަށްފަހު ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި ޖާބިރުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރާ ނަމަވެސް އެ މައްސަލަ ކޯޓުން އަދި ނުނިންމަ އެވެ.
ޖާބިރު ޖަލަށްލުމަށް މިދިޔަ ބުރާސްފަތިދުވަހު ކުރި ހުކުމާ އެކު އޭނާ ފުރަތަމަ ލީ މާފުށީ ޖަލަށެވެ. އެހެން ނަމަވެސް ރޭގެ ވަގުތެއްގައި ޖާބިރު ވަނީ މާލޭ ޖަލަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެއީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.
ޖާބިރުގެ ޖަލު ހުކުމުގެ ޚުލާސާ ރިޕޯޓް ކޯޓުން ދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ