ފުޅަދޫން ކަރަންޓު ކެނޑުމުން ބަޔަކު ނުކުމެ ސަރުކާރު އޮފީސްތައް ބަންދުކޮށްފި

ބ. ފުޅަދޫން މިއަދު ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައިވުމުން ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި ރައްޔިތުންގެ ތެރެއިން ބަޔަކު އިހުތިޖާޖުކޮށް އެ ރަށުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތައް ބަންދުކޮށްފި އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ގޭގެ އާއި އިދާރާތައް އަދި ސުކޫލްގެ ދަރިވަރުންނަށް ގިނަ އުނދަގޫތައް ކުރިމަތިވަމުން ދާތީ، ފުޅަދޫ ރައްޔިތުން ދަނީ އެކަން ހައްލުކޮށްދިނުމަށް އެދި މިއަދު ހެނދުނުން ފެށިގެން އިންޖީނުގެ އާއި ރަށު އޮފީސް ކުރިމަތީ އަޑު އުފުލަމުންނެވެ.
ރަށު ކައުންސިލުން ބުނި ގޮތުގައި ގާތްގަނޑަކަށް 50 މީހުން އަޑު އުފުލަމުން ދަނީ އެއްވެސް ހަމަނުޖެހުމެއް ނެތި އެވެ. އަދި ކަރަންޓު ލިބެންދެން އަޑު އުފުލާނެ ކަމަށް އެމީހުން ބުނަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ރަށުގެ އިންޖީނަށް މައްސަލަ ދިމާވެ ކޮންމެ ދުވަހަކު ވެސް އެކި ފަހަރު މަތިން ދެތިން ގަޑިއިރަށް ރަށުން ކަރަންޓު ކެނޑޭތާ މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ. ނަމަވެސް މިއަދު ހެނދުނުން ފެށިގެން މިއަދު މެންދުރުފަސްވި އިރު ވެސް ކަރަންޓު ނުލިބޭ ކަމަށް ކައުންސިލުން ބުންޏެވެ.
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް، ފެނަކާ ކޯޕަރޭޝަންގެ ކަމާ ބެހޭ ބޭފުޅުންނާ ވާހަކަ ދައްކަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ނ. އަތޮޅު ކެނދިކުޅުދޫއިން ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް މިހާރު ފަށާ، އެންމެ ލަސްވެގެން މާދަމާ ކަރަންޓު ދެވޭތޯ މަސައްކަތް ކުރާ ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫން ކަމަށް ފުޅަދޫގައި މިހާރު މަސައްކަތް ކުރަމުންދާ އިންޖިނޭރު ބުނި ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ