މިވަގުތު ގިނަ ބޭފުޅުން ބޭނުންވަނީ ރައީސް ވަހީދު ވެރިކަމަށް ގެންނަން: އުމަރު

ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން މި އަހަރުގެ ރިޔާސީ އިންތިހާބަށް ފުޅާ ކޯލިޝަނެއް ހެދުމަށް މިހާރު ކުރަމުންދާ މަޝްވަރާތަކުގައި ގިނަ ބޭފުޅުންގެ ވިސްނުން ހުރީ ރައީސް މުހަންމަދު ވަހީދު ވެރިކަމަށް ގެންނަން ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އުމަރު ރޭ ރައީސް ވަހީދުގެ ރަސްމީ ގެކޮޅުގައި ރައީސްއާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ އެއީ ފުޅާ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ކަމަށެވެ. އަދި އެފަދަ ކޯލިޝަނެއް ހެދިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ރޭގެ ބައްދަލުވުމުން ލިބިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަށް މި ވަގުތު އެކުގައި މަސައްކަތްކުރާ ޕާޓީތަކުގެ އަމާޒަކީ ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތައް ކޯލިޝަން ހަދައިގެން އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު ބަލިކުރުން ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް މިހާރު އެކުގައި މަސައްކަތްކުރަނީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ އަދި އުމަރު ނަސީރެވެ. މި ޕާޓީތަކުގެ މަޝްވަރާތަކުގައި އެމްޑީޕީ ފިޔަވައި އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޑީއާރުޕީ އާއި ޕީޕީއެމް އަދި ބައިވެރިއެއް ނުވެ އެވެ.
"އެމްޑީޕީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އަޅުގަނޑުމެން ދައުވަތު ދެން މި މަޝްވަރާ އަށް. އެއް އަންބްރެއްލާއެއްގެ ދަށުން އެއްކޮށް ނުކުމެ އަންނި ބަލިކުރުމަކީ އަމާޒެއް. އެއީ އަޅުގަނޑުމެން އަންނިގެ ސަރުކާރު ނިންމީ ވެސް ހަމަ އެކުގައި ނުކުމެ އެއް އަންބްރެއްލާއެއްގެ ދަށުން ނުކުމެ. އެހެންވީމާ އަދިވެސް 2013 ގެ އިންތިހާބުގައި އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީތައް އެއްކޮށްލެވިއްޖިއްޔާ ފުރަތަމަ ބުރުން މިކަން ނިންމޭނެ،" އުމަރު ވިދާޅުވި އެވެ. "މި މަސައްކަތް ކާމިޔާބުވުމުގައި އިރާދަކުރެއްވިއްޔާ ވަރަށް ކައިރީގައި މިހާރު މި އުޅެނީ."
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކު ކަނޑައަޅާނީ ކޯލިޝަންގެ މަޝްވަރާތަކުގައި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އެކުގައި މަޝްވަރާކުރާ ޕާޓީތަކުގެ ވިސްނުމުގައި ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ވަހީދު ނެރެން ޖެހޭ ސަބަބަކީ އުމަރު ވިދާޅުވި ގޮތުގައި އެއީ މިހާރު ވެސް ވެރިކަން ކުރައްވާ އަދި ކޯލިޝަނެއްގައި އިސްވެ މަސައްކަތް ކުރެއްވުމުގެ ގާބިލްކަން އެ މަނިކުފާނު ދައްކަވާފައިވާތީ އެވެ.
އުމަރު ވިދާޅުވީ މިހާރު މަޝްވަރާ ކުރަނީ މައިގަނޑު ގޮތެއްގައި "އޮޕްޝަންތައް" ކަނޑައެޅުން ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ޕާޓީތަކުން މިހާރު ފެންނަނީ އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން އިންތިހާބަށް ކުރައްވާތަން ކަމަށާއި އެކަމަކު ފަހުން އެ މަންޒަރު ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.
ފުޅާ ކޯލިޝަނެއް ރިޔާސީ އިންތިހާބަށްޓަކައި ހެދުމަށް އުމަރު މަސައްކަތް ކުރައްވާއިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ކަންތައްތަކަކާއެކު އޭނާއާ ޕީޕީއެމްގެ ލީޑަޝިޕާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ.
ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާއެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީ އެވެ. އެހެން ނަމަވެސް ރައީސް ވަހީދުގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ވެސް ކޯލިޝަން ހެދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ އަދި ގައުމީ އިއްތިހާދު ގުޅިއްޖެނަމަ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ވަހީދަށް ކާމިޔާބުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ