ސަރުކާރަށް ރައްޔިތުން އިތުބާރުކުރާ ވަރު ނަތީޖާއިން އެނގިއްޖެ: ނައިބު ރައީސް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ހޯދި ކާމިޔާބީން ދައްކައިދެނީ ސަރުކާރަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ 85 ގޮނޑި އަށް 302 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު ވެސް ސަރުކާރުގެ ކޯލިޝަނުން ވަނީ 46 ގޮނޑި ކަށަވަރުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް މިހާތަނަށް ލިބުނު ކަމަށް ދައްކަނީ 19 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ބޭފުޅަކު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތަކީ 43 ގޮނޑި އެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން "ހަވީރާ" ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖަމީލް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ދައްކަނީ ސަރުކާރުން ހުށަހަޅާފައިވާ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައްޔިތުން ބޭނުންވާ ކަން ކަމަށެވެ. މައިގަނޑު ތިން ކަމެއްގެ މައްޗަށް އެކުލެވިގެންވާ އެ މެނިފެސްޓޯގައި ހިމެނެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ހަމަޖެހުން ގެނައުމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާއި އިގްތިސާދީ ތަރައްގީ ގެނައުމުގެ މަގެވެ.
އެގޮތުން، ނައިބު ރައީސް ޖަމީލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވެ، ރާއްޖޭގެ އަމަންއަމާންކަން ގެއްލިފައިވާ ކަމަށެވެ. އެހެންވެ ސަބަބުން ރައްޔިތުން ދިރިއުޅެމުން ދިޔައީ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ކަމަށާއި ރައްޔިތުން އެދިއެދި ތިބީ ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ، އާއްމު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އެނބުރިގަނެވޭނެ ވަގުތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެނިފެސްޓޯ، ރައްޔިތުންގެ އިތުބާރު މި ދެއްވި މެނިފެސްޓޯގައި މިވަނީ އެ ހުރިހާ ކަމަކަށް ހައްލު. އަޅުގަނޑުމެން ހުށަހެޅީ ކުރިއަށް ދިއުމުގެ މަގު. ރައްޔިތުންގެ މިވަނީ އެ މެނިފެސްޓޯ އަށް ވަރަށް ފުރިހަމަ އިތުބާރެއް ދެއްވާފައި،" ޖަމީލް ވިދާޅުވި އެވެ.
އެއާ އެކީގައި، ރައްޔިތުން ދިން މެސެޖަކީ އެމްޑީޕީން ގެންގުޅޭ ގައުމިއްޔަތަށް ގެއްލުން ދިނުމުގެ ސިޔާސަތާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ކަމުގެ މެސެޖް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުންނާއި އެ ޕާޓީގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު މަސައްކަތްކުރީ ގޮށްމުށުގެ ބާރުން ކަންތައްތައް ކުރުމުގެ އިތުރަށް ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް އަތް ގަދަކުރުމަށް ކަމަށެވެ. އެހެން ނަމަވެސް، މި އިންތިޚާބުގައި ރައްޔިތުން ދައްކައި ދިނީ އެމްޑީޕީގެ އެ ސިޔާސަތުތަކަށް ރާއްޖޭގައި ޖާގަ ނެތްކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ޖަމީލް ވިދާޅުވި ގޮތުގައި ދެން ފެށޭ މަޖިލީހުގައި ސަރުކާރުން މަސައްކަތްކުރާނީ ރާއްޖެ އަށް ބޭނުންވާ އިގްތިސާދީ ބަދަލުތައް ގެނެސް، ދައުލަތް ހިންގުން ހަރުދަނާކުރުމުގެ އިތުރަށް ޒުވާނުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމަށެވެ. އެގޮތުން، އެންމެ އިސްކަމެއް ދޭނީ ކުރިއަރާފައިވާ ގައުމުތަކުގައި އައިސްފައިވާ ފަދަ އިގްތިސާދީ ކުރިއެރުންތައް ރާއްޖެ އަށް ގެނައުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން ހާސިލްކުރުމަށް، އެކި ސަރަހައްދުތަކުގައި ފްރީ ޓްރޭޑް ޒޯންތައް ގާއިމުކޮށް، އެ ސަރަހައްދުތަކުން ވިޔަފާރިވެރިންނަށް ބިން ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ގާނޫނުތައް ހުށަހަޅާނެ ކަމަށެވެ.
"މި އިސްލާހީ ބަދަލުތައް އައުމުން ރާއްޖެ އަށް، ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އިންގިލާބީ ބަދަލުތައް އަންނާނެ. އަޅުގަނޑުމެން އިސްކަން ދޭނީ އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، ސަރުކާރުން ވައުދުވެފައިވާ އިޖުތިމާއީ ރައްކާތެރިކަމާއި އިގްތިސާދީ ބަދަލުތަކާއި ޒުވާނުންގެ ތަރައްގީ ގެނެސް ދިނުން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ދިން އިތުބާރު ދަމަހައްޓައި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވާފަ އެވެ. އެގޮތުން، ނައިބު ރައީސް ޖަމީލް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރޭން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ