ބަދަލުގެ ގޮތުގައި 28 މިލިއަން ޑޮލަރު ހޯދަން އެމްޓީޑީސީގެ މައްޗަށް ދައުވާކޮށްފި

ގއ. ކޮނޑޭމަތީލާބައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރެޒޮނެންސާ އެކު އެމްޓީޑީސީން ވި އެއްބަސްވުން އުވާލުމުން އޭގެ ބަދަލުގެ ގޮތުގައި 28 މިލިއަން ޑޮލަރު ހޯދަން އެމްޓީޑީސީއާ ދެކޮޅަށް ދައުވާކޮށްފި އެވެ. ސަބްލީސް ކޮންޓްރެކްޓެއްގެ ދަށުން އެރަށް އެމްޓީޑީސީން އެ ކުންފުންޏާ ހަވާލުކުރީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. އެކަމަކު އެ އެގްރިމެންޓް 2010 ގައި އެމްޓީޑީސީން ވަނީ އުފާލައިފަ އެވެ.އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުގައި ފެށީ މިދިޔަ އަންގާރަދުވަހު އެވެ. ރެޒޮނަންސް އިން މިއަދު ބުނީ އެ ރަށުގެ މައްސަލައިގައި އެ ކުންފުނިން އެމްޓީޑީސީއާ މަޝްވަރާ ކުރަނިކޮށް 2010 ގައި އެއްބެސްވުން ބާތިލްކުރުމަކީ ކޮންޓްރެކްޓްގެ ބޭރުން އެމްޓީޑީސީން ކުރި ކަމެއް ކަމަށެވެ. އެ ކުންފުނިން އެމްޓީޑީސީގެ މައްޗަށް ދައުވާކުރީ އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އާއި އެ ރަށުގެ ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ އަދި އެރަށުން ލިބޭނެ ކަމަށް ލަފާކުރި ފައިދާއަށްވާ ޖުމްލަ 28 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އެ މައްސަލަ ރިޒޮނެންސުން ޝަރީއަތަށް ހުށަހެޅީ އެއްބަސްވުން ބާތިލްކުރުމުން ކުރީގެ ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި ގއ. ހަވޮއްޑާ، އައްޑު އަތޮޅު ހެރެތެރެ އޮޕަރޭޓް ކުރި ތައިލެންޑްގެ އޮނިކްސް ގްރޫޕަށް ނިސްބަތްވާ އަމާރީ އަށް ދޭން ނިންމުމުންނެވެ.އެމްޓީޑީސީން އެ ރަށް އަމާރީއާ ހަވާލުކުރަން ނިންމީ ހެރަތެރެއަށް ދިން އެޑްވާންސް ފައިސާ ދެވޭނެ ގޮތެއް ނެތިގެންނެވެ. އަންގާރަ ދުވަހުގެ ޝަރީއަތުގައި ރެޒޮނަންސުން އެދުނީ ހަވޮއްޑާއާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެމްޓީޑީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް އަދި އެ އަމުރު ނެރެދީފައެއް ނުވެ އެވެ. ރެޒޮނެންސް އިން ބުނީ މައްސަލަ ކޯޓަށް ވެއްދި ނަމަވެސް އެމައްސަލަ ކޯޓުން ބޭރުން ހައްލުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ރެޒޮނެންސުން ބުނެ އެވެ.ރެޒޮނެންސްގެ މައި ހިއްސާދާރަކީ އިޓަލީގެ އެންމެ ބޮޑު އެއް ޓްއަ އޮޕަރޭޓަރު ކަމަށްވާ ވަލްތޫރެވެ. މިއީ 1980 އިން ފެށިގެން ރާއްޖޭގެ ބައެއް ރިސޯޓްތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ