ރިޔާސީ ކެންޑިޑޭޓަކަށް ހޮވޭ ބޭފުޅެއްގެ ފަހަތުގައި އެންމެން ތިބެން ޖެހޭނެ: މައުމޫން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅެއްގެ ފަހަތުގައި ހުރިހާ މެމްބަރުން ވެސް ތިބެން ޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ، ޕާޓީގެ ފުރަތަމަ ކޮންގްރެސް ދަރުބާރުގޭގައި ނިންމާލުމަށް ބޭއްވި ޖަލްސާގައި، ވިދާޅުވެއްޖެ އެވެ.ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެކަން ނުވަތަ ނޫންކަމާ މެދު ކުޑަ ވެސް ބަސްފުޅެއް ބޭނުންނުކުރައްވާ މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ރިޔާސީ ޕްރައިމަރީގައި ހޮވޭ ކެންޑިޑޭޓެއްގެ ފަހަތުގައި، ނުގުޑާ ފަދަ އަޒުމެއްގައި މެމްބަރުން ތިބެގެން ކަމަށް ވިދާޅުވި އެވެ. ރިޔާސީ ރޭހުގައި ޕީޕީއެމުން ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީނާއި އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރެވެ. ކޮންގްރެސްގެ އިންތިހާބުތަކުގައި ވެސް ގިނައިން ވާދަކުރީ މި ދެ ބަޔަށް ނިސްބަތްވާ ފަރާތްތަކެވެ. ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ ޔާމީންގެ "ޔަގީން ޓީމު"ންނެވެ. އެހެން ނަމަވެސް އެ އިންތިހާބުތަކުގެ ނަތީޖާ އިން ރިޔާސީ ޕްރައިމަރީ އަށް ހިސާބެއް ނުހެދޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ވާދަވެރި ކެމްޕޭންތަކާއި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރުމަށް ފަހު ބޭއްވި ކޮންގްރެސްއާ އެކު އެ ޕާޓީ ބައިބައިވެގެންދާނެ ކަމަށް ދައްކަމުންދާ ވާހަކަތަކަށް މައުމޫން ވަނީ ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕާޓީ ރޫޅޭނެ ކަމަށް މީޑިއާތަކުގައި ވާހަކަ ފެތުރުނަސް ގައުމީ ޖަލްސާ އިން ފެނުނީ ޕީޕީއެމް ހަރުދަނާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. "މި ޕާޓީ އަކީ އެއަށް ވުރެ ވަރުގަދަ، ހަރުދަނާ، ވިސްނުން ރަނގަޅު ޕާޓީއެއް ކަމަށް މި ގައުމީ ޖަލްސާ އިން ހާމަކޮށްދީފި،" ޕާޓީ އަދިވެސް އޮތީ އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކުގައި ކަން ސިފަކުރައްވައި މައުމޫން ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ގައުމީ ޖަލްސާ ވަރަށް ކާމިޔާބު ކަމަށާއި އެ ޖަލްސާ އިން ވަރަށް ބޮޑު ހިތްހަމަޖެހުމާއި އުފަލެއް ޕާޓީގެ މެމްބަރުންނަށް ލިބުނު ކަމަށެވެ. އަދި ޕާޓީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ރަނގަޅުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.ގައުމީ ޖަލްސާ ކާމިޔާބު އެއްޗަކަށް ހެދުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް މައުމޫން ޝުކުރު އަދާކުރެއްވި އެވެ. އެގޮތުން ކޮންގްރެސް އަކީ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވައި، ރިޔާސަތު ބެލެހެއްޓެވި އަހުމަދު ޒާހިރު (ސީނާ ޒާހިރު(ގެ މަސައްކަތްޕުޅު ފާހަގަކުރެއްވި އެވެ. މެޗްގެ ރެފްރީކަން އިންސާފުވެރިކަމާ އެކު އޭނާ ނިންމަވާލެއްވީ ކުޅުންތެރިންނަށް ރީނދޫ ކާޑެއް އަދި ރަތް ކާޑެއް ވެސް ނުދައްކަވާ ކަމަށް ވިދާޅުވި އެވެ. އިންތިހާބުތަކުގައި ކާމިޔާބު ހާސިލްކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމަށް ފަހު، އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ. އިންތިގާލީ ނައިބު ރައީސް އުމަރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސައްކަތަށް ތައުރީފުކުރެއްވި އެވެ.މައުމޫން ވިދާޅުވީ އުމަރަކީ ޕީޕީއެމް އުފެއްދުމާއި ޕާޓީ ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. މައުމޫންގެ އެ ޝުކުރު އުމަރު ގަބޫލުކުރެއްވިކަން ދޭހަވާ ގޮތަށް އޭނާ ބޯ ޖައްސަވާލެއްވި އެވެ.އަބްދުއްރަހީމަކީ ބައި އިލެކްޝަންތަކާއި ޕާޓީގެ އެހެން މަސައްކަތުގައި ރެ އާއި ދުވާލު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ ސިފަކުރެއްވީ "ބަތަލެއް"ގެ ގޮތުގަ އެވެ.މައުމޫން ވިދާޅުވީ ޕާޓީ އަށް މިވީ އެއް އަހަރާއި ތިން މަސް ދުވަހަކީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ކާމިޔާބީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ދެން ކުރިމަތިލާން ޖެހިފައި ވަނީ، އެ މަރުހަލާގައި އެޅި ބިންގަލުގެ މަތީގައި ވަރަށް ބޮޑު، ރީތި އުސް އިމާރާތެއް އާރާސްތުކުރުމުގެ މަރުހަލާ ކަމަށް ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ ކޮންގްރެސްގައި ކަނޑައެޅި ޕީޕީއެމްގެ މޮޓޯ ކަމަށްވާ "އެންމެ ފުރަތަމަ ގައުމު" އެ މޮޓޯގެ ދަށުން ޕާޓީން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ