މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 1957 މައްސަލަ ނިންމި، 522 މައްސަލާގައި ހުކުމް ކުރި

ވޭތުވެ ދިޔަ އަހަރު ކްރިމިނަލް ކޯޓުން 1957 މައްސަލައާ މެދު ގޮތެއް ނިންމައި، 522 މައްސަލައެއްގައި ހުކުމް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. ކްރިމިނަލް ކޯޓުން ނެރުނު އެ ކޯޓުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް ހުށައެޅި 76 މައްސަލައެއް އަނބުރާ ގެންގޮސްފައިވާ އިރު އެކި ސަބަބުތަކާ ހުރެ 1072 މައްސަލައެއް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ 231 މައްސައެއް މިދިޔަ އަހަރު އެ ކޯޓުން ނިންމާފައިވާ އިރު މަސްތުވާތަކެތި ވިއްކުމުގެ 178 މައްސަލަ ވަނީ ނިންމާފަ އެވެ. މަރުގެ އަށް މައްސަލައެއް ނިންމާފައިވާ އިރު އަހަރު ނިމުނު އިރު ވެސް މަރުގެ 14 މައްސަލައެއް އެ ކޯޓުގައި ނުނިމި އެބަ އޮތެވެ. ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ 22 މައްސަލައެއް ނިންމާފައިވާއިރު އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ހަ މައްސަލައެއް ވަނީ ނިންމާފަ އެވެ. އަދި ބަނގުރާ ބުއިމުގެ 63 މައްސަލައެއް ނިންމާފައިވާއިރު މަކަރާ ހީލަތް ހެދުމުގެ 39 މައްސަލައެއް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު 8503 މައްސަލައެއްގެ ޝަރީއަތް ބާއްވަން ތާވަލުކުރި ނަމަވެސް ބާއްވާފައިވަނީ 537 މައްސަލައެއްގެ ޝަރީއަތެވެ. ރޭ ބޭއްވި ކްރިމިނަލް ކޯޓުގެ އަހަރީ ޖަލްސާގައި އަބްދުﷲ ގާޒީ ވާހަކަދައްކަވަނީ--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާނު އަދި މިދިޔަ އަހަރު ފެށުނު އިރު 2236 މައްސަލަ އެ ކޯޓުގައި އޮތް އިރު މިދިޔަ އަހަރުގެ ތެރޭގައި އަލަށް 873 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވެ އެވެ. މިދިޔަ އަހަރު އެންމެ ގިނަ މައްސަލަތައް ނިންމާފައި ވަނީ ގާޒީ ސައީދު އިބްރާހިމެވެ. އޭނާ ވަނީ 418 މައްސަލަ ނިންމަވާފަ އެވެ. އެންމެ މަދުން މައްސަލަތައް ނިންމަވާފައި ވަނީ މިހާރުގެ ޕީޖީ މުހްތާޒު މުހުސިނެވެ. އޭނާ ވަނީ މިދިޔަ އަހަރު ގާޒީ ކަމުގައި ހުންނެވުމަށް ފަހު ޕީޖީގެ މަގާމަށް ވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުގެ އަހަރީ ޖަލްސާގައި އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އަވަހަށް މައްސަލަތައް ނިންމުމަށްޓަކައި ކޮންމެ ގާޒީއަކު ވެސް 100 މައްސަލަ އަހަރު ތެރޭގައި ނިންމަން ކަނޑައެޅި އަމާޒަށް ވާސިލުވެވުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ