ނަޝީދުގެ މައްސަލަ ބަލާ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓެއްގެ ގާޒީ އަކަށް ހަމަޖައްސަން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރާ ދައުވާގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މާލޭގެ ސުޕީރިއާ ދެ ކޯޓެއްގެ ގާޒީންނަށް ހަމަޖެއްސުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަކީ ޝުޖާއު އުސްމާނާއި ހުސައިން މަޒީދުގެ އިތުރުން އަބްދުއްނާސިރު އަބްދުއްރަހީމެވެ. މީގެ ތެރެއިން ޝުޖާއު އުސްމާން ހަމަޖައްސަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަކަށެވެ. މަޒީދަށް ދޭން ނިންމީ ސިވިލް ކޯޓުގެ ގާޒީކަމެވެ.
ޝުޖާއު އުސްމާނުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނެ ދައުލަތުން ޖިނާއީ ދައުވާއެއް ވެސް ކުރިން އުފުލި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭރު ނިންމީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
ޝުޖާއު އުސްމާނާއި މަޒީދާއި އަބްދުއްނާސިރު މިހާތަނަށް މަސައްކަތް ކުރެއްވީ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްސަލަ ބެއްލެވުން އެ ތިން ބޭފުޅުންނާ ހަވާލުކުރީ އެވެ.
ޝުޖާއު އުސްމާނާއި މަޒީދުގެ އިތުރުން ފަސް ބޭފުޅަކު މާލޭގެ ތިން ކޯޓެއްގެ ގާޒީންނަށް ހަމަޖެއްސުމަށް ވެސް ޖޭއެސްސީން ވަނީ މިއަދު ނިންމައިފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނ. މަނަދޫ އަނބުގަސްދޮށުގޭ އަބްދުﷲ ނަޝީދު ހަމަޖައްސާއިރު ގދ. ފިޔޯރީ ލަންސިމޫގޭ ފަރުހާދު ރަޝީދަށް ސިވިލް ކޯޓުގެ ގާޒީކަން ދޭން ވަނީ ނިންމައިފަ އެވެ. އަދި ކ. ދިއްފުށި ސްވީޓްމީޑް ހަސަން ޝަފީއަށާއި ސ. މަރަދޫ ރޯސްގާޑަން މުހައްމަދު ސަމީރާއި ގ. ރޭނިސް އިބްރާހިމް އަލީ އަށް ފެމިލީ ކޯޓުގެ ގާޒީކަން ދޭން ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން އިސް ގާޒީ އަކު ނެތި މަސައްކަތްކުރާތާ އެތައް ދުވަހެއް ވެފައިވާ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ހަމަޖެއްސުމަށް ވެސް ޖޭއެސްސީން ވަނީ މިއަދު ނިންމައިފަ އެވެ. އެހެންކަމުން މިހާރު އިސް ގާޒީ އަކު ނެތް ކޯޓަކަށް މާލޭގައި ހުރީ ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓް އެކަންޏެވެ. ޖުވެނައިލް ކޯޓު މިހާރު ހިންގަވަނީ ގާޒީ މުހައްމަދު ނައީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ