ގައުމުގެ މުސްތަގުބަލަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަންޖެހޭ ކަމަށް ވިދާޅުވެ މާދަމާގެ ވޯޓުގައި މެމްބަރުން ގައުމަށްޓަކައި ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ޝަރުއީ ނިޒާމަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އަދި ރައްޔިތުންނަށް ވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ދިވެހިންގެ ކާބަފައިންނަކީ ވެސް މުސްތަގިއްލު، މިނިވަން ބައެއް ކަމަށާއި ނަމަވެސް މިއަދު ރައްޔިތުންގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕީޕީއެމްގެ ބައެއް ޖަލްސާތައް ކުރިއަށްދާއިރު ވަށައިގެން ދާޖަހާފައިވާތީ ގާސިމް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
"ކޮން ޕާޓީއެއްގެ ކޮން ފެކްޝަނެއްގެ ބައެއްތޯ ވަށައިގެން ކޮށިގަނޑު ޖަހައިގެން ތިބެނީ. ރައްޔިތުން ގެންގުޅެން ބޭނުންވާގޮތް ވަރަށް ރަގަޅަށް ސާބިތުކޮށްދިން ކަމެއް މިއީ. ރައްޔިތުން އެތަނަކަށް ޖަމާވީމަ ވަށައިގެން ކޮށިޖަހައި ދާޖަހައިގެން މިތިބެނީ. އެތަނުން ބަޔަކު ނިކުމެދާނެތީ. މިއީ ލަދުވެތިކަމެއް. މިގޮތަށްތޯ ބޭނުންވަނީ ރާއްޖޭގެ ޕާޓީއެއްގެ ފެކްޝަނެއް ހިންގަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގެ ކަންކަން ބޮއްސުންލައިގެން ދާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަންކަމަށް ދީލާލައިގެން ނުވާނެ ކަަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި ބައެއް ބޭފުޅުން މިއަދު ޕީޕީއެމަށް ބަދަލުވެފައިވާއިރު، އެބޭފުޅުންނަށް މަޖިލީހުގެ ގޮނޑި ލިބިވަޑައިގަތީ ޖޭޕީން ވަރަށް ބުރަކޮށް މަސައްކަތްކޮށް ރައްޔިތުންނަށް ސަލާންޖަހައި އާދޭސްކޮށްގެން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެބޭފުޅުން މަޖިލީހަށް ހޮވީ ޕާޓީ ބަދަލުކުރަން ނޫން ކަމަށާއި ނަމަވެސް އެބޭފުޅުން ޕީޕީއެމަށް ބަދަލުވީ ދާއިރާތައް ތަރައްގީކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން މަޖުބޫރުކޮށްގެން ކަމަށެވެ. ނަމަވެސް މިއަދު ކަންކަން ބޮއްސުންލައިގެން ދާއިރު އެތަން ބަލަން ނުތިއްބެވުމަށް ގޮވާލެއްވިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ ހަގީގަތެއް ކަމަށާއި އެކަމުގެ ހެކި ފެނިވަޑައިގެންފައިވާ ކަމަށެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ވިލާގެ ފަސް އެއްބަސްވުމެއް ބާތިލްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެއިން ވިލާ ކުންފުންޏަށާއި އާއިލާއަށް ދީފައިވާ ބައެއް ބިންތައްވެސް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެކަން ކޮށްފައިވަނީ ނުހައްގުން ބޭއިންސާފުން ކަމަށެވެ. އަދި ވިދާޅުވީ ޝަރީއަތަށް ދިއުމުން ދަށުކޯޓުން ހުރިހާ ތަނެއްގެ މައްސަލަވެސް ނިމުނީ ވިލާއާ އެއްކޮޅަށް ކަމަށެވެ. އޭގެފަހުން ހައި ކޯޓާ ހަމައަށް މައްސަލަ ގޮސްފައިވަނިކޮށް ރައީސަށް ދަންވައިގެން ޓުއަރިޒަމް މިނިސްޓަރާއި، ބަންޑާރަ ނާއިބާއި، ފިޝަރީޒް މިނިސްޓަރާ މަޝްވަރާކުރައްވައިގެން "އައުޓް އޮފް ސެޓްލްމަންޓް އެގްރިމަންޓަކަށް" ދެވޭތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ގާސިމް ވިދާޅުވިއެވެ.
"28 މާޗު 2016ގައި 11:30 ބައްދަލުވުން އޮތީ. އަޅުގަނޑުމެންވެސް ދިޔައީ ލޯޔަރުންނާއެކު ޖުމްލަ ފަސްމީހުން. އެބޭފުޅުންގެ ވެސް ފަސް ބޭފުޅުން ތިއްބެވި. އެޓާނީ ޖެނެރަލް އަނިލް ވިދާޅުވަނީ ކޯޓުން ނިމޭނީ ތިމަންނާމެން ބޭނުންވާ ގޮތަށް ނޫންހޭ މައްސަލަތައް. ތިމަންނާމެން ބޭނުންވާގޮތަށް ނޫންހޭ ނިމޭނީ ގާސިމް 126 މިލިއަން ޑޮލަރުގެ މައްސަލައެއް ލައިގެން އުޅުނަސް. އެގޮތަކަށް އެކަން ނުނިމޭނެ ނޫންހޭ. ދަށު ކޯޓުން ކޮންމެ ގޮތަކަށް ނިމިފައިއޮތަސް ތިމަންނާމެން ބޭނުންވާ ގޮތަށޭ ނިމޭނީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހައިކޯޓުން މައްސަލަތައް ނިމެމުންދަނީ އެވިދާޅުވި ގޮތަށް ކަމަށެވެ. އެހެންކަމުން ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާކަން ވަރަށް ރަގަޅަށް އެނގޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމު ހަމަޔަކަށް އެޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖެހިވަޑައިގަންނަވާ ކަމަށާއި އަދުލުވެެރިކަން ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި އެންމެ މުހިންމު ކަމަކީ އަދުލުއިންސާފު ގާއިމުކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނަށް ވެސް ފުރުސަތު ލިބިފައިވަނީ އުންމަތް ސަލާމަތްކޮށް ގައުމު ހެޔޮގޮތުގައި ގެންދިއުމަށް. އެހެންވީމަ އަސްވިއްކިޔަސް ލަގަން ވިއްކާނުލާށޭ. ގައުމަށްޓަކައި އަދި ރައްޔިތުންނަށްޓަކައި ވޯޓުދެއްވާށޭ. މާދަމާގެ މުސްތަގުބަލަށްޓަކައި އަބްދުﷲ މަސީހު މަޖިލީހުގެ ރައީސްކަމުން ބޭރުކުރަންޖެހޭ" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސީހު މަގާމުން ދުރުނުކޮށްފިނަމަ މުސްތަގުބަލުގައި ހިތާމަކުރަންޖެހޭނެ ކަަމަށާއި އެތައްބަޔަކު އަނެއްކާވެސް ކުށްވެރިވަމުންދާ ތަން ފެންނަމުންދާނެ ކަމަށެވެ. ހޫނުފެނަށް ލާނެކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވި ނަމަވެސް ބިރު ނުގަންނަ ކަމަށާއި އެދުވަސް މާޒީވެ ހިނގައްޖެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މާދަމާގެ ވޯޓުގައި މަސީހު މަގާމުން ދުރުކުރުމަށް ތާއީދުކޮށް ވޯޓުދެއްވާ ހުރިހާ ބޭފުޅުންނަށް ކުރިއަށް އޮތް ދައުރަށްވެސް ޓިކެޓު ލިބޭނެ ގޮތް ހެދުމަށް ހަތަރު ލީޑަރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި ހުރިހާ ގޮތަކުންވެސް އެމެމްބަރުންނަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. ރައްޔިތުންގެ ޝުއޫރުތަކާ އެއްގޮތަށް ގައުމުގެ މުސްތަގުބަލަށްޓަކައި މާދަމާގެ ވޯޓުގައި ވޯޓު ދެއްވުމަށް ތަކުރާރުކޮށް ގާސިމް ގޮވާލެއްވިއެވެ.
މާދަމާ ގައުމަށްޓަކައި ވޯޓު ދެއްވުމަށް ގާސިމް އިބްރާހިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ