ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ: ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަމުރުކޮށްފި

ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ އަށް އެއްވެސް އަސަރު ކުރާނެ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްފި އެވެ.ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެ އެވެ.ރައްޔިތުންގެ މަޖިލިހުން ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނަށް ރުހުން ދިނުމުގައި މިހާރު އަމަލު ކުރަމުން އަންނަ އެ މަޖިލިހުގެ ގަވާއިދު 171 ވަނަ މާއްދާގެ (ވ) އާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ "އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ސިފައެއްގައި އެ މައްސަލަ އަށް އަސަރު ފޯރާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ" ކަމަށެވެ.މިރޭ 7:20ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނަނީ އެޓާނީ ޖެނެރަލް އޮފީހުންގެ މި މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމުރުގެ މައްސަލައާމެދު ދުސްތޫރީ އަދި ގާނޫނީ ނަޒަރަކުން ވިސްނައި ބައްލަވާފައިވާ ކަމަށެވެ.މި  ހުކުމް މިއަދު ނެރުއްވެވި އިރު މިއަދު އެކޯޓުގައި ބާއްވާ މައްސަލަތަކުގެ ތަވާލުގައި ވެސް މި މައްސަލަ ތާވާލުކޮށްފައެއް ނުވެއެވެ. އަމުރުގެ ހުކުމް ނެރުއްވާފައި ވަނީ މި ރޭ ގާތްގަނޑަކަށް 7:00 ޖެހި އިރު އެވެ. ބަންޑާރަ ނައިބުގެ އޮފިޝަލަކު ވިދާޅުވީ އެ އޮފީހަށް އަމުރު ލިބުނީ 7:20 ގައި ކަމަށެވެ.‹މާދަމާގެ އެޖެންޑާއަށް ބަދަލެއް ގެންނަން އެނގޭނީ ގާނޫނީ ޓީމާ ވާހަކަ ދެއްކެވުމަށް ފަހު، އެ މައްސަލައާ ބެހޭ ގޮތުން މާދަމާގެ ޖަލްސާގައި ވާހަކަ ނުދެއްކެވެންވީ ސަބަބެއް ނެތް›ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އާ ގާނޫނު އަސާސީގެ ދަށުން ގާއިމު ކުރެވިފައިވާ ދުސްތޫރީ ނިޒާމަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި ތިން ބާރު ކަމަށާއި މި ތިން ބާރު ވަކިކުރެވި އެއްބާރުން އަނެއް ބާރުން އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް މަސައްކަތުގެ ދާއިރާ ކަނޑައެޅި އިން ވަކިކުރެވިފައިވާ ނިޒާމެއްކަން ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާކަން ސާފުކޮށް އެނގޭ ކަމަށެވެ.ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްވެސް ބާރަކަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފަށް އެ ބާރަކަށް ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ދާއިރާ ފަހަނަޅައި ދިއުމާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވާކަން ގާނޫނު އަސާސީގެ އަށްވަނަ މާއްދާއިން ރަނގަޅަށް އެނގޭ ކަމަށެވެ.ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ނެރެފައިވާ އަމުރުގައި ބުނަނީ ދުސްތޫރީ ނިޒާމެއްގެ މައްޗަށް އަމަލު ކުރަމުންދާ ދައުލަތެއް ކަމުގައި ވިޔަސް މިއިން ކޮންމެ ބާރަކީ ވެސް ގާނޫނު އަސާސީގެ ހުދޫދުން ބޭރު ނުވާ ގޮތަށް އެ ބާރަކަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އިމުގެ ތެރޭގައި އެހެން ބާރެއްގެ މައްޗަށް ނުފޫޒު ނުފޯރުވޭ ގޮތަށް އަމަލުކުރަންޖެހޭ ބާރެއްކަން ގާނޫނު އަސާސީގެ އަށްވަނަ މާއްދާއިން ސާފުކޮށް އެނގޭ ކަމަށެވެ.ގާނޫނު އަސާސީގެ ސިޔާދަތާއި ސުޕްރިމަސީގެ އުސޫލު ގާއިމުވެފައިވާ އެހެނިހެން ޑިމޮކްރަސީތަކަކޭ ވެސް އެއްފަދައިން ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރަކާއި އެހެން ފަރާތަކާ ދެމެދު ނުވަތަ ދައުލަތުގެ އެއްބާރު އަނެއްބާރާ ދެމެދު އުފެދޭ ދެބަސްވުންތަކާއި ހުސޫމަތުތައް ހައްލު ކުރުމުގެ އިހުތިސާސް ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އިން ސާފުކޮށް އެނގޭ ކަމަށެވެ.އަދި ގާނޫނު އަސާސީ އާއި ގާނޫނު މަނާކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ)ގައި ކަނޑައެޅި ބަޔާންވެގެން ވާ ކަމަށެވެ."ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު ޝަރީއަތުގެ ފަރާތުން ގޮތެއް ނިންމުމުގެ ކުރިން  ޝަރީއަތަށް ނުފޫޒު ފޯރައިފާނެ ނުވަތަ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިދާނެ ފަދަ ކޮންމެ އަމަލެއް ހުއްޓުވުމަކީ ގާނޫނު އަސާސީގެ ދަށުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ދުސްތޫރީ ގާނޫނުގެ ބެލެނިވެރި ކަމުގެ ބާރުގެ ދަށުން މަނާ ކުރެވެން ޖެހޭ ކަންތަކެކެވެ،"  ހުކުމުގައި ވެއެވެ."ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެފައިވާ މި ހުކުމުގައި ބުނަނީ އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ މައްސަލައަށް އެއްވެސް ސިފައެއްގައި އަސަރު ފޯރާފާނެ ގޮތަކަށް އެއް ވެސް ފިޔަވަޅެއް ނޭޅުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގާ  ކަމަށެވެ.އަދި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ގާއިމުވެފައިވާ ޝަރުއީ ނިޒާމަކީ މިނިވަން ޝަރުއީ ނިޒާމެއް ކަމަށާއި ކޯޓުތަކުގެ މިނިވަން ކަމާއި މުސްތަގިއްލުކަން ރައްކާތެރިކޮށް ހިމާޔަތްކޮށް ދިނުމަކީ  ދައުލަތުގެ އިދާރަކުންނާއި ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބި އެންމެހާ މީހުންގެ މައްޗަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) އިން ލާޒިމު ކުރާ ކަމެއް ކަމަށެވެ. މުސްތަގިއްލު ފަނޑިޔާރު ގޭގެ ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ)ގައި ސާފު ބަހުން ބުނެފައިވާތީ ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ ބެހޭ ގޮތުން އެ މައްސަލައަކާމެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަކީ141 ވަނަ މާއްދާގެ (ނ) ގައި ބުނާ ފަދަ އަމަލެއް ކަމަށެވެ.ސުޕްރީމް ކޯޓުގެ އަމުރެއް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އައި އިރު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާފައިވާ ވަޒީރުންގެ މައްސަލައާ ގުޅޭ ކޮމެޓީ ރިޕޯޓެއް ހުށަހެޅުން ވެސް ހިމެނެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މިރޭ ވިދާޅުވީ މާދަމާގެ އެޖެންޑާ އަށް ބަދަލެއް ގެންނަން އެނގޭނީ ގާނޫނީ ޓީމާ ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލައާ ބެހޭ ގޮތުން މާދަމާގެ ޖަލްސާގައި ވާހަކަ ނުދެއްކެވެންވީ ސަބަބެއް ނެތެ އެވެ.އަމުރެއް ނެރެދިނުމަށް އެދި ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މާޗު2، 2010ން ފެށިގެން ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުން އަންނަ "ރައްޔިތުންގެ މަޖިލީހުގެ ގަވައިދަ"ކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތިން މަޖިލިސް ހިންގުމަށް ބޭނުންވާ އެންމެހާ ގަވައިދުތަކާއި އުސޫލުތައް ބަޔާންކުރާ ގަވައިދު ކަމަށްވާއިރު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމާބެހޭ ގޮތުން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ށ) އާއި (ރ) ގައި ބުނެފައިވާ  ގޮތުގެ މަތިން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް "ރައްޔިތުންގެ މަޖިލީހުގެ ގަވައިދު" ގެ 171 (ވ) އިން އިތުރު ކަންކަން ހިމަނާފައި އޮތުމުން ގާނޫނު އަސާސީގައި ބުނާ މާއްދާތަކުގެ ބާރު ކެނޑިގެންދާ ކަމަށެވެ.މި ދައުވާގައި ސަރުކާރުން ބުނެފައި ވަނީ މަޖިލީހުގެ ގަވައިދުގެ އެ މާއްދާތަކާ ބެހޭ ގޮތުން އޯގަސްޓ23، ގައި ދައުވާ ކޮށްފައިވާނެ ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން އެ ދައުވާގައިވާ މއުލޫއީ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާތީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން އަމަލު ކުރަމުންދާ ގޮތްތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ