ކޫއްޑޫ އެއާޕޯޓުގެ ފުރަތަމަ ފްލައިޓަށް ވިލިނގިއްޔާއި މާމެންދޫ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި

ގއ. ކޫއްޑޫ އެއާޕޯޓުގައި ޖެއްސި ޓެސްޓް ފްލައިޓަށް ވިލިނގިއްޔާއި މާމަންދޫގެ ރައްޔިތުން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ. މިއަދު ހެނދުނުން ފެށިގެން މި ރަށުގައި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ދިޔައީ ރާވަމުންނެވެ. މި ކުޅިވަރުތަކުގައި އިސްކޮށް ގިނަ އަދަދެއްގެ އަންހެނުން ހަރަކާތްތެރިވި އެވެ. ކޫއްޑުއާ އިންވެގެން އޮންނަ ވިލިނގިލިއްޔާއި މާމެންދޫ ރައްޔިތުން ބުނާ ގޮތުގައި މިއީ އެ ީހުންގެ ހަޔާތުގައި ވަރަށް ތާރީޚީ ދުވަހެކެވެ. "މިއަދަކީ ހަމައެކަނި ވިލިނގިއްޔާއި މާމެންދޫ ރައްޔިތުންނަށް ހާއްސަ ދުވަހެއް ނޫން. މިއީ ގއ.ގެ ހުރިހާ ރައްޔިތުންނަށް ވެސް ހާއްސަ ދުވަހެއް. މިއަދު އަހަރެމެން މިތިބީ ވަރަށް އުފާވެފަ،" ވިލިނގިލީ ރައްޔިތެއް ކަމަށްވާ އަހުމަދު ހިލްމީ ބުންޏެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ކޭއެޗްއޭ ރިސޯޓް އެންޑް ހޮޓެލްސް އިން ހެދި މި އެއާޕޯޓް ތަރައްގީކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ބޮނަވިސްޓާ އިންނެވެ. ކޫއްޑޫ އެއާޕޯޓުގައި ޖެއްސި ފުރަތަމަ ފްލައިޓްގައި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މި ރަށަށް ވަޑައިގެންނެވި އެވެ. ކޫއްޑޫ އެއާޕޯޓުގައި ހުންނަވައި ޑރ. ޝަމްހީދު ވިދާޅުވީ ކާމިޔާބުކަމާ އެކު ފުރަތަމަ ފްލައިޓް ޖެއްސުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ މި އަތޮޅުގެ ރައްޔިތުންނަށް ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ. "މިކަން ކާމިޔާބުވި ކަމަށްޓަކައި މާތްﷲގެ ހަޒުރަތަށް ޝުކުރު ދަންނަވަން. އަދި މިކަމުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޮނަވިސްޓާ އަށް ވެސް ޝުކުރުވެރިވަން،" ޑރ. ޝަމްހީދު ވިދާޅުވި އެވެ. އެއާޕޯޓުގެ ކޮންޓްރެކްޓަރު ކަމަށްވާ ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އެއާޕޯޓުގައި މިވަގުތު ބައެއް ކަންކަން ނުނިމި ހުރި ނަމަވެސް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. ކޫއްޑޫ އެއާޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖެއްސިއިރު ބައެއް މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުންނެވެ. ޖަނާހު ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ހުރިހާ މަސައްކަތެއް ނިމުމުން އެތަން ވާނީ މިހާތަނަށް ރާއްޖޭގައި އެންމެ އަވަހަށް ހަދައި ނިންމި ރީޖަނަލް އެއާޕޯޓަށެވެ. "އަޅުގަނޑު ޝުކުރު ދަންނަވަން ސަރުކާރަކަށާއި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް،" ޖަނާހު ވިދާޅުވި އެވެ. ކޫއްޑޫ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ މި މަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ