މާރާމާރީ މައްސަލާގައި ވީނިއުސްގެ އެޑިޓަރު އާދަމް ހަލީމް ހައްޔަރުކޮށްފި

އަންހެން މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލާގައި ވީނިއުސްގެ އެޑިޓަރު އާދަމް ހަލީމް ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އާދަމް ހަލީމް ރޭ 11:30 ހާއިރު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ. މިދިޔަ އާދީއްތަ ދުވަހު ހަވީރު ވީޓީވީ ތެރޭގައި ހިންގި އެ މާރާމާރީއާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އެ މާރާމާރީގެ ސީސީޓީވީ ފުޓޭޖް އިން ފެންނަ ގޮތުގައި ސިޑިން ފައިބައިގެން ދިޔަ އަންހެން މުވައްޒަފު ގަދަކަމުން ހިފަހައްޓައި އާދަމް ހަލީމު އޭނާ ސިޑި މައްޗަށް ކޮއްޕާލަ އެވެ. އަދި ސިޑި މައްޗަށް އަންހެންކުއްޖާ ބާރަށް ވެއްޓުނު ތަން ވެސް ވީޑިއޯ އިން ފެނެ އެވެ. އެ މާރާމާރީ ހުއްޓުވީ، އެ އޮފީހުގެ އެހެން ފިރިހެނަކު ގޮސްގެންނެވެ. އޭނާ ގަދަކަމުން އާދަމް ހަލީމް އެހެން ކޮޓަރިއަކަށް ވައްދާ ތަން ވީޑިއޯ އިން ފެނެ އެވެ. މި މާރާމާރީގައި އަނިޔާ ވެގެން އަންހެން ކުއްޖާ ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ. އެކަމަކު މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ