"ސިޓިން ރޫމުން" ނިކުމެ ޕީއެންއެފްގެ ފުރަތަމަ ބޮޑު ޖަލްސާ އަންނަ ހަފުތާގައި

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްކޮށް އުފެއްދެވި ޕީއެންއެފްގެ ފުރަތަމަ ބޮޑު ޖަލްސާ, އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާނެ ކަން މިރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ. "ވޭކް އަޕް"ގެ ނަމުގައި ޕީއެންއެފުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޕާޓީގެ ރަސްމީ މީޑިއާ ގްރޫޕުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ސޯޝަލް މީޑިއާގައި އެ ޕޯސްޓަރު ހިއްސާކުރައްވާފައި ވެއެވެ. އެކަމަކު އާޓިފިޝަލް ބީޗުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ޖަލްސާ އޮންނާނެކަން ޕީއެންއެފުން ހާމަކުރީ މިރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައެވެ. https://x.com/maleehjamal/status/1955924231080042729 އަންނަ ބުރާސްފަތީގައި އޮންނަ އެ ޖަލްސާގައި ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކަށް ފަހު ބޮޑު ޖަލްސާ އެއް ބާއްވާ ފުރަތަމަ ފަހަރެވެ. ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ. ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ