ސުޕްރީމް ކޯޓާއެކު އިތުރު ތިން ކޯޓެއް ރިސެސްއަށް ދަނީ
ސުޕްރީމް ކޯޓާ އެކު މާލޭގެ އިތުރު ތިން ކޯޓެއް މާދަމާއިން ފެށިގެން ރިސެސް އަށް ދިއުމަށް ނިންމައިފި އެވެ. ސުޕްރީމް ކޯޓާ އެކު ރިސެސް އަށް ދަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓެވެ. ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ އަށް ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ. އެ ގާނޫނު ބުނާގޮތުން އެ މުއްދަތުގައި އެއްވެސް މައްސަލައެއްގެ ޝަރީއަތެއް ނުބޭއްވި ކަމަށްވި ނަމަވެސް އެކަށީގެންވާ އަވަސްމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ރިސެސް މުއްދަތުގައި ވެސް ޝަރީއަތްތައް ބޭއްވިދާނެ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ރިސެސް އޮންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކޯޓުން ބުނީ ރިސެސް މުއްދަތުގައި ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާނުލާނެ ކަމަށާއި އޭގެ ބަދަލުގައި ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދާނީ ކުރިއަށްވުރެ މަދު މައްސަލަތަކެއްގެ ޝަރީއަތްތައް ކަމަށެވެ. ސިވިލް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރިސެސް އޮންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޯޓުގެ ރިސެސް އޮންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ރަސްމީ ފުރަތަމަ މަސައްކަތު ދުވަހާއި ދެމެދަކީ ހައި ކޯޓުގެ ރަސްމީ ރިސެސް މުއްދަތު ނަމަވެސް މިއަހަރު ރިސެސްއަށް ނުދިއުމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ކޯޓުން ބުނީ އެގޮތަށް ނިންމީ އަންނަ ޑިސެމްބަރު މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖައްސާފައިވާތީ އެވެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަންޖެހޭނީ ހައި ކޯޓުންނެވެ. އާންމު އުސޫލުގެ ދަށުން ރިސެސް މުއްދަތުގައި ހުރިހާ ކޯޓުތަކެއްގައި ޝަރީއަތްތައް މެދުކަނޑާލި ނަމަވެސް ކޮންމެހެން ނެރެންޖެހޭ އަމުރުތަކާއި ބާއްވަންޖެހޭ ޝަރީއަތްތައް ކުރިއަށްދާނެ އެވެ. އަދި މައްސަލަތައް ބަލައިގަތުމާއި އިދާރީ ހުރިހާ މަސައްކަތްތަކެއް ވެސް އެ މުއްދަތުގައި ހުރިހާ ކޯޓެއްގައި ކުރިއަށް ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ