ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި އުފެއްދި ކޮމިޓީގެ ކޯޗެއާއަކީ އުމަރު
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ލޯންޗްކޮޅުގައި މާލެ ވަޑައިގަންނަވަނިކޮށް، މިދިޔަ ހަފުތާގެ ހޯމަދުވަހު އެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި އުފެއްދެވި ކޮމިޓީގެ ކޯޗެއާ އަކީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް "ހަވީރަ"ށް އެނގިއްޖެ އެވެ. މިދިޔަ ހަފުތާގެ އަންގާރަދުވަހު އެކުލަވަައިލެއްވި އެ ކޮމިޓީގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ސީދާ ރައީސް ޔާމީނަށް ރިޕޯޓް ކުރާ ގޮތަށް، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސްގެ ދަށުން ކޮމިޓީގައި އެންމެ އިސްކޮށް ހުންނަވަނީ އުމަރެވެ. ކޮމިޓީގައި ދެން ތިއްބަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބްދުއްރައޫފާއި ކެޕްޓަން އަލީ އިހުސާނާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޗީފް ސްޓޭޝަން އިންސްޕެކްޓަ މުހައްމަދު ސާމިހެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވެފައި ވަނީ، އެ ކޮމިޓީގެ ބޭނުމަކީ، އެފަދަ ހާދިސާއެއް ކުރިމަގުގައި ވެސް ތަކުރާރު ނުވާނެ ގޮތްތައް ކަނޑައެޅުމާއި އެކަމާ ގުޅުން ހުރި އިރުޝާދާއި ލަފާތައް ރައީސް ޔާމީނަށް ދެއްވުން ކަމަށެވެ. ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އުފެއްދެވި ކޮމިޓީގައި ރައީސްގެ ދަށުން އެންމެ އިސްކޮށް އުމަރު މަސައްކަތް ކުރައްވާއިރު، ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ ގޮތުން އުމަރުގެ ނަމުގައި މިރޭ ވަނީ ފޭކް މެސެޖްތަކެއް ދައުރު ކޮށްފަ އެވެ. އެ މެސެޖްތަކާ ގުޅިގެން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި ދައުރުވަނީ ފޭކް މެސެޖްތަކެއް ކަމަށެވެ. ލޯންޗްގައި އެއްޗެއް ގޮވި ހާދިސާގައި އުފެއްދި ކޮމިޓީއަށް ބައެއް މީހުން ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް ރައީސްގެ ރަސްމީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ގޮވި ގޮވުމަކީ ކުރިން ރާވައިގެން ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާގެ ތަހުގީގުގައި ބައިވެރިވި ލަންކާގެ ތަޖުރިބާކާރުންނާ ހަވާލާދީ އެ ގައުމުގެ ޑެއިލީ މިރާ ނޫހުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ