ކްލެމެންސީ ބޯޑަށް މެމްބަރު ވަހީދު އާއި މެމްބަރު ޝަހްދީގެ ނަން ހުށަހަޅައިފި

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން މެމްބަރު ކަމަށް، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހްދީގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ޕީޕީއެމްގެ ފަރާތުން ގާނޫނީ ވަކީލު ވަހީދުގެ ނަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާނެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ޝަހްދީގެ ނަން ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު އިހްލާމް އަހްމަދެވެ. ވަހީދު އާއި ޝަހްދީގެ ތެރެއިން ކްލެމެންސީ ބޯޑަށް އައްޔަން ކުރާނެ ބޭފުޅަކު މަޖިލީހުގެ މިއަދުގެ ވޯޓުގައި ހޮވާނެ އެވެ. ކްލެމެންސީ ބޯޑަށް އެމްޑީޕީގެ ފަރާތުން މެމްބަރެއްގެ ނަން ހުށައެއްނާޅަ އެވެ. މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ 11 މެމްބަރުންގެ ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ބޭފުޅަކާއި ދީނީ އިލްމުގެ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅެއް އަދި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ