ނާޒިމަށް ތަސްމީން ދެ މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އަތުން ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ނަންގަވާފައިވާ 2.55 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކަވާ ހުރި 1.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް މީގެ ދެ އަހަރު ކުރިން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް މިއަދު ހުކުމް ކޮށްފި އެވެ. ނާޒިމްގެ ފަރާތުން ދައުވާކޮށްފައި ވަނީ ތަސްމީން ނެންގެވި 200،000 ޑޮލަރު (2.55 މިލިއަން ރުފިޔާ) ގެ ތެރެއިން ނުދައްކަވާ ހުރި ކަމަށް ބުނާ 1.92 މިލިއަން ރުފިޔާ އާއި އެ ފައިސާ ހޯދުމުގެ މަސައްކަތަށް ވަކީލަށް ދައްކަން ޖެހޭ 100،000ރ. ހޯއްދެވުމަށެވެ. ނަމަވެސް މިއަދު ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ ދަރަންޏަށް ނެގި ފައިސާ އަނބުރާ ދައްކަން ދަށު ކޯޓުން ހުކުމް ކޮށްފައިވާ ގޮތަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށާއި އެކަމަކު ވަކީލު ފީ އަށް 1،800ރ. ނަގައިދޭން ދަށު ކޯޓުން ކަނޑައެޅުމުގައި ގިޔާސްކޮށްފައިވާ ގޮތް ޝަރުއީ އަދި ގާނޫނީ އުސޫލަށް ނުފެތޭތީ އެ ބައި ބާތިލް ކަމަށެވެ. ހައި ކޯޓުން އިސް ފަނޑިޔާރު އަހްމަދު ޝަރީފާއި އަބްދުﷲ ހަމީދާއި އަލީ ސަމީރެވެ. ތަސްމީން ފައިސާ ދައްކަންވަން ޖެހޭ ކަމަށް ކުރި ހުކުމަށް މި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެ ވަޑައިގެންފަ އެވެ. ނާޒިމް އަތުން ފައިސާ ނެންގެވި ކަމަށް ތަސްމީން އެއްބަސްވެ ވަޑައިގެން ނަމަވެސް ދަށު ކޯޓުގައި ތަސްމީންގެ ފަރާތުން ބުނެފައި ވަނީ ފައިސާ ދައްކަން އެއްބަސްވެފައި ވަނީ ކަނބާލިފަރު ރިސޯޓް ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށެވެ. ނަމަވެސް ނާޒިމްގެ ފަރާތުން ބުނެފައި ވަނީ މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމެއް ނޫނީ ނޯންނާ ކަމަށެވެ. އެހެންވެ ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ނާޒިމްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ޑިސެމްބަރު 29، 2010 ގައި ހުށަހެޅުމުން މައްސަލަ ނިންމައި ހުކުމް ކުރީ އޭޕްރީލް 21، 2011 ގަ އެވެ. އަދި ހުކުމާ މެދު ހިތްހަމަނުޖެހިގެން ތަސްމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ ޖޫން 9، 2011 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ