ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ހަމްޒާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރައްވާފައިވާ އެމްޑީޕީގެ ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ހަމްޒާ ހުވާ ކުރެއްވީ ރައީސް އޮފީހުގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހަމްޒާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ އަރީފް އެވެ.
ހަމްޒާ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު 43 މެންބަރުން ތާއީދުކޮށް ވޯޓް ދެއްވައިގެންނެވެ. ހަމްޒާ އެމަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 27 މެންބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ.
ހަމްޒާ ޖޭއެސްސީއަށް އައްޔަންކުރަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވަނީ ހަމްޒާއަކީ އެމަގާމަށް ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ކަނޑައަޅައިދީ މަޖިލީހުގެ ނިންމުން ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ފަހްމީ ހަސަން އެ މަގާމުން ވަކިކުރައްވާ ޑރ. މުހައްމަދު ލަތީފް ސީއެސްސީގެ ރައީސް ކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވާތީ ލަތީފަށް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށްވެސް މަޖިލީހުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފަ އެވެ.
ޑރ. ލަތީފަށް ޖޭއެސްސީގެ މެންބަރު ކަން ލިބިވަޑައިގަންނަވަނީ ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުންނެވެ. ލަތީފަށް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް މަޖިލީހުން އެދުނު ނަމަވެސް ލަތީފް ހުވާކުރެއްވުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އެއީ ފަހްމީ މަގާމުން ވަކިކުރަން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ނިންމުމަށް ރިއާޔަތްނުކޮށް ސީއެސްސީގެ ރައީސް ކަމަށް ޑރ. ލަތީފް ހަމަޖެއްސުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ