ސުޕްރީމް ކޯޓުގެ އަމުރަށް ކުރި ތަހުގީގަށް ފަހު ރާއްޖެ ޓީވީގެ މައްސަލަ ޕީޖީ އަށް
ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓިވީން ގެނެސްދިން ރިޕޯޓްގެ މައްސަލަ ފުލުހުން ތަހްގީގުކުރުމަށް ފަހު ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ޕީޖީ އަށް ފޮނުވީ މިދިޔަ ބުދަދުވަހު ކަމަށެވެ. މިދިޔަ އޮކްޓޯބަރު މަހު ސުޕްރީމް ކޯޓުން އަމުރުކޮށްގެން ފުލުހުން ތަހްގީގުކުރި އެ މައްސަލާގައި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން އާއި ނިއުސް ހެޑް އިބްރާހިމް ވަހީދު )އަސްވާޑު( ވަނީ ޕޮލިހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ. ސުޕްރީމް ކޯޓުން ރާއްޖެ ޓީވީގެ މައްސަލަ ތަހްގީގުކުރަން ފުލުހުންނަށް އެންގުމުގެ އިތުރުން އެ މައްސަލަ ތަހްގީގުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް އެންގި އެވެ. ރާއްޖެ ޓީވީން ފޮނުވި ރިޕޯޓް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މައްސަލަތައް ތަހްގީގުކުރުމާއި ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނަށް ގާނޫނުން ލިބިދީފައިވާ ބާރެއް ކަމަށެވެ. އެއީ ފުލުހުންނަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ރާއްޖެ ޓީވީން އެ ތަހްގީގަށް އެއްބާރުލުން ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ