ޝަރީއަތަކަށް "އަތް ބޭނޭ ނަމަ" ނާޒިމްގެ ޝަރީއަތް ހުއްޓުވާނަން: އުމަރު
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ ގައުމީ ބަތަލެއް ކަމަށާއި ކޯޓުގައި ހިނގާ ޝަރީއަތަކަށް "އަތް ބޭނޭ ނަމަ" ނާޒިމްގެ މައްޗަށް ދައުލަތުން ކުރިއަށް ގެންދާ ޝަރީއަތް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ނާޒިމްގެ މައްޗަށް ކޮށްފައި ވަނީ ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމާއި ގެންގުޅުމުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތް ނިމެންދެން ދޫނިދޫގައި އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އަދި ގައުމަށް އުނދަގޫ ކަންކަން ކުރިމަތިވި ދަނޑިވަޅުތަކުގައި ނާޒިމް ވަނީ ގައުމަށް ވަރަށް މުހިއްމު ގިނަ ހިދުމަތްކޮށްދެއްވާފައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ހިތާމަކުރަން އެމަނިކުފާނާ ދޭތެރޭގައި މިކަހަލަ ޝަރީއަތެއް ހިނގާތީ ވެސް. އެކަމަކު ވެސް ދަންނަވަން ޖެހެނީ ޝަރީއަތެއްގެ ތެރެއަށް އަޅުގަނޑަށް އަތް ބޭނޭ ނަމަ އަތް ބާނައިގެން ހުއްޓުވާނަން މި ޝަރީއަތް އިނގޭތޯ. އެކަމަކު ޝަރީއަތަކީ އެ އެއްޗެއް ދާން އޮންނަ ގޮތަކަށް ދޫކޮށްލަން ޖެހޭ އެއްޗެއް،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ކޯޓުން ކުރިއަށް ގެންދާ ޝަރީއަތްތަކާ ނުބެހުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި ނާޒިމްގެ މައްސަލަ ވެސް "ދޫކޮށްލައިގެން މިތިބީ އެހެންވެ" ކަމަށެވެ. "އަޅުގަނޑު ނާޒިމްގެ ސަޕޯޓަރުންނަށް ވެސް އަދި ހަމައެހެންމެ އެމަނިކުފާނުގެ ފެމިލީ އަށް ވެސް ދަންނަވާނީ ޝަރީއަތުގެ ތިން މަރުހަލާ އޮންނާނެއޭ، ހަމައެކަނި ކްރިމިނަލް ކޯޓުގައި މި ހިނގާ މައްސަލައަކުން މުޅި ޝަރީއަތެއް ނުނިމޭނެއޭ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނާޒިމާ މެދު ކޮށްފައިވާ ޝަރީއަތް މުޅިން ނިމޭނީ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކަށް ހުށަހަޅައިގެންނެވެ. އެ ހުރިހާ މަރުހަލާއެއްގެ ތެރެއިން ދަތުރުކޮށް ނިމޭއިރު ނާޒިމަށް އިންސާފު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. "ނާޒިމަށް އިންސާފު ލިބުން އެއީ އަޅުގަނޑުގެ ދުއާއަކީ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ފުލުހުންނަށް އޭނާ މިހާރު ސީދާ އަމުރުނުކުރައްވާތީ ނާޒިމާ މެދު ކުރި ތުހުމަތުގައި ވެސް ފުލުހުން އަމަލުކުރި ގޮތް ކުރިން އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ނާޒިމާ ދޭތެރޭ ކޮށްފައިވާ ތުހުމަތުގައި ވެސް ފުލުހުން އަމަލުކުރީ، މައްސަލަތަކުގައި އަމަލުކުރަން އޮންނަ އުސޫލުން ކަން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ނާޒިމް ހައްޔަރުކުރުމުގައި ފުލުހުން ގޯސްކޮށް ކަމެއް ހިންގާފައި އޮތް ކަން ކްރިމިނަލް ކޯޓުން ނުވަތަ ހައި ކޯޓުގެ ޝަރީއަތުގައި ފާހަގަކުރެއްވިއްޖިއްޔާ އެކަމެއް ބަލާނެ ކަމަށެވެ. ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ދައުވާ އަށް ރައްދު ދެއްވަމުން ނާޒިމްގެ ވަކީލުން ވިދާޅުވެފައި ވަނީ، ނާޒިމް ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެ ފާސްކުރުމުގެ ދެ މަސްދުވަސް ކުރިން، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފޯނުން ގުޅުއްވައި، ހޭއަރުވާލޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 2:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ