ގާސިމް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް މާދަމާ ރޭ ޖަރުމަނުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް މާދަމާ ރޭ ޖަރުމަންވިލާތުގައި ބޭއްވުމަށް ނިންމައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ ޖަރުމަންގެ ފްރެންކްފަރޓްގައި ބާއްވާ މި ޖަލްސާއަކީ ވަރަށް ޚާއްސަ ރަސްމިއްޔާތެއްކަމަށެވެ. މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރަށް ނާއިބު ލީޑަރު އަމީން އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ޖަރުމަންގެ ފްރެންކްފަރޓްގައި ބޭއްވި ޖަލްސާ ފަދައިން މި ޖަލްސާއަކީވެސް ޖުމްހޫރީ ޕާޓީއަށް ވަރަށް ޚާއްސަ ބޭފުޅަކު ސޮއިކުރުމަށް ބާއްވާ ޖަލްސާއެއްކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. އެއީ ސިޔާސީގޮތުން ވަރަށް ފުންނާބުއުސް ސިޔާސީ ބޭފުޅެއްކަމަށާ އޭގެ އިތުރަށްވެސް އިތުރު ބޭފުޅުންކޮޅެއް ޖުމްހޫރީ ޕާޓީއަށް މި ޖަލްސާގައި ގުޅިވަޑައިގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ޖަރުމަންގެ ފްރެންކްފަރޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ މާދަމާ ރޭ 9:30 ފެށިގެން ވީޓީވީއާއި ވީއެފްއެމް 99 މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ޖަރުމަންގެ ފްރެންކްފަރޓްގައި ބޭއްވި ޖަލްސާގައި ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. ޑރ ޖަމީލުގެ އިތުރަށް މި ރަސްމިއްޔާތުގައި މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ މުހަންމަދު މަލީހު ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި، އެމް.އެން.ޑީ.އެފްގެ މެޑިކަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ. ޝާހު މާހިރުވެސް ޖުމްހޫރީ ޕާޓީއަށް ވަނީ ސޮއިކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީއަކީ ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލެވިފައިވާ ވަރަށް މިނިވަން ފިކުރެއްގެ ސިޔާސީ ޕާޓީއެެއްކަމަށާ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށްދިއުމަށް އެންމެ ފަހި ފުރުސަތެއް އޮތީ ޖުމްހޫރީ ޕާޓީގައިކަމަށެވެ. އެ ޕާޓީއަކީ ކުރިމަގުގެ ވަރަށް ބޮޑު އުންމީދެއްކަމަށާ އެހެންކަމުން ވީހާވެސް ގިނަ ބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް އެދޭކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީއާއި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕްރޮމޯޓްކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ފަށާފައެވެ. އަދި އަތޮޅުތަކުގެ ރައްޔިތުންނާއި ބައްދަލްކޮށް ޕާޓީއަށް ތާއީދު ހޯދުމަށް ޚާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ. މި މަސައްކަތުގެ ދަށުން ކޮންމެ ދުވަހަކުވެސް ޖުމްހޫރީ ޕާޓީއަށް މެންބަރުން ދަނީ ގުޅެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ