ޔުމްނާ މައުމޫނު މާދަމާވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ސަރުކާރުން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު މާދަމާވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ވަކީލަކާއި އެކު މާދަމާ ހަވީރު 16:00 އަށް ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ މިމައްސަލާގައި މިއަދު ހަވީރު 16:00 ގައި ފުލުހަށް ހާޒިރު ކުރުމަށް ފަހުގައެވެ.
ޔުމްނާގެ މައްޗަށް ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތުދީ ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމަށެވެ.
ޔުމްނާ މާދަމާވެސް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމްވެސްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި ނަދީމްގެ މައްޗަށް މިހާރުވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައެވެ.
ޔުމްނާގެ ބައްޕާފުޅު އަދި ނުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު އެ ދެބޭފުޅުންގެ މައްޗަށްވެސްދަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ އުޅުމުގެ ތުހުމަތުގައި ޝަރީއަތް ހިންގަމުންނެވެ.
މައުމޫނާއި ފާރިސް އާއި ނަދީމުގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި އިތުރު ދައުވާތައްވެސްދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ