މައުމޫނު ފޯނު ނުދެއްވި މައްސަލާގައި އުފުލި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯބައިލް ފޯނު ފުލުހުންގެ ތަހުގީގަށް ނުދެއްވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފް ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި އޮތީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. ދައުލަތުގެ ފަރާތުން މައިގަނޑު ދެ ކަމެއް ހުށަހެޅިއިރު ރައީސް މައުމޫންގެ ފަރާތުން ވަނީ 12 ކަމެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ 12 ކަންތައް ވެސް ބަލައި ނުގަތުމަށް ގާޒީ ހަސަން ނަޖީބު ނިންމެވިއެވެ. ދައުލަތުގެ ފަރާތުން އެދިފައިވަނީ ރައީސް މައުމޫނާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިވެރިންނާއި އެ މީހުންގެ ބަޔާންތައް ސިއްރުކޮށްދިނުމުގެ އަމުރަކަށެވެ. ރައީސް މައުމޫނުގެ ފަރާތުން ހުށަހެޅުއްވި 12 ނުކުތާގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން އިއްވަވާފައިވަނީ ހަ ނުކުތާއެކެވެ. އަނެއް ހަ ނުކުތާ އިއްވާފައި ނުވަނީ ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސް ކަމަށް ވިދާޅުވެ އަޑުއެހުން އަވަހަށް ނިންމާލުމަށެވެ. މައިގަނޑު ގޮތެއްގައި ރައީސް މައުމޫނުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފު ކަންތައްތަކެއް ހުރުމުން ދައުވާ ބާތިލް ކޮށްދިނުމަށެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި މައްސަލަ ހުށަހަޅުއްވާފައިވަނީ ވެސް ގަނޫނާ ޚިލާފަށް ކަމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ގާޒީ ހަސަން ނަޖީބު ވިދާޅުވީ ގާޒީ ބަދަލުކުރި މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ވާނީ ގޮތެއް ނިންމާފައި ކަމަށެވެ. އެގޮތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަން ކަން ހުށަހަޅަން ޖެހޭނީ ފޯމެއް މެދުވެރިކޮށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނުފައި އޮތް ނަމަވެސް ކްރިމިނަލް ކޯޓުން އެ ފޯމް ލިބެތް ނެތްކަން ދިފާއީ ވަކީލުން ފާހަގަކުރެއްވިއެއެވެ. ގާޒީ ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހަޅަނީ ކުރިން ވެސް އެފަދަ ހުށަހެޅުންތައް ހުށަހަޅާ އުސޫލުން ކަމަށެވެ. މިއަދުގެ އަޑުއެހުން ފެށުމާ އެކު ރައީސް މައުމޫންގެ ފަރާތުން ވަނީ އެމަނިކުފާނު ސިއްހީ ހާލަތު ހުރި ގޮތުން އަޑުއެހުން އެހެން ދުވަހަކަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގަނެފައެވެ. ނަމަވެސް ތަކުރާރުކޮށް މައުމޫންގެ ވަކީލް މައުމޫން ހަމީދު އެކަން ފާހަގަ ކުރެއްވި ނަމަވެސް ގާޒީ ނިންމެވީ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. ޝަރީއަތް ކުރިއައް ގެންދާ ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ ސިއްހީ ހާލަތާ ގުޅޭ ގޮތުން އަޑުއެހުން ފެށުމުގެ ކުރިން ލިއުމުން ކޯޓަށް އަންގާފައި ނުވާތީ ކަމަށެވެ. އެކަމަށް ރައްދު ދެއްވައި މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްކަން އެގިވަޑައިގަތީ މިއަދު ހެނދުނު ކޯޓުން ބައްދަލުވުމުން ކަމަށާއި އޭގެ ކުރިން ރައީސް މައުމޫނާ ބައްދަލު ނުވާ ކަމަށެވެ. އެހެން ދުވަސްތަކުގެ އަޑުއެހުންތަކާ ހިލާފަށް މިއަދުގެ އަޑުއެހުމުގައި މައުމޫން ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގަނެފައެއް ނުވެއެވެ. އެމަނިކުފާނު އިންނެވީ ވެސް ވަރަށް މަޑުމައިތިރިކަމާ އެކުއެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ހަސަން ނަޖީބް ވިދާޅުވީ ހެކި ހުށަހެޅުމަށް އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ