އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ސްކީމްތައް ތައުލީމީ ދާއިރާގެ ފަރާތްތަކަށް


މޯލްޑިވްސް އިސްލާމިކް ބޭންކުން ފޯރުކޮށްދެމުންދާ މޮޓޯ ފައިނޭންސިންގ އަދި ކޮންސިއުމަރ ފައިނޭންސިން ކްރެޑިޓް ސްކީމް، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ތައާރަފުކޮށްފިއެވެ.
 
މިކަމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ އިސްލާމިކް ބެންކާއެކު ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިއެއްބަސްވުމަކީ ދުވަސްތަކެއްގެ މަތިން ކުރެވިގެން އައި މަސައްކަތެއް ކަމަށާއި މިސްކީމުގެ ދަށުން އެއް ލައްކަ ރުފިޔާއާއި ހަމަޔަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ތަކެތި ގަނެވޭނެ ކަމަށެވެ.
 
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހެޑް އޮފް ސޭލްސް އެންޑް މާރކެޓިންގ މުޙައްމަދު ޝަފާއު ހުސައިން ވިދާޅުވީ، މިސްކީމުގެ ދަށުން އެމީހަކު ބޭނުންވާ އެއްޗެއް ބެންކުން ގަތުމަށްފަހު ފައިދާއަކާއެކު އެމީހަކަށް ވިއްކާލަނީ ކަމަށާއި، ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އެކި މުދާތަކަށް ތަފާތުވާނެ ކަމަށެވެ. މި ސްކީމްގެ ދަށުން ގެއަށް ބޭނުންވާ ފަރުނީޗަރާއި، ސައިކަލުގެ އިތުރުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ސާމާނާއި 5000 ރުފިޔާއަށް ވުރެ އަގު ބޮޑު ފޯނުފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ