އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް މައުމޫނު ބޭނުން ކުރަނީ ސިޔާސީ ކަރު ހިއްކުން ފިލުވަން – ޝިފާޤު

އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް މައުމޫނު ބޭނުން ކުރަނީ އެމީހުންގެ ސިޔާސީ ކަރު ހިއްކުން ފިލުވަންކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ވިދާޅުވެއްޖެއެވެ.
ރޭ ޗެނެލް 13 ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޤު ވިދާޅުވީ، 1980 ވަނަ އަހަރާއި 1983 ވަނަ އަހަރުގެ އިތުރުން 1988 ވަނަ އަހަރުވެސް، ކުރިގެ ރައީސް ނަޝީދުގެ އާއިލާ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބަޔަކު އިސްކޮށް ތިބެގެން މައުމޫނުގެ ވެރިކަން ވައްޓާލަން މަސައްކަތްކޮށް އެކަން ކާމިޔާބު ވާގޮތް ނުވެފައި އޮއްވާ 2008 ވަނަ އަހަރު، އެމަނިކުފާނާއި އެއްކޮށް އެންމެ ކައިރިން މިހާރު ތިބި ބޭފުޅުން ނިކުމެ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނެވި އިރު މިއަދު ރައީސް މައުމޫނާއި އެއްގަލަކަށް އަރާ ތިބެ އެބޭފުޅުން ރައީސް މައުމޫން ބޭނުން ކުރަމުން އެ އަންނަނީ އެބޭފުޅުނެގެ ސިޔާސީ ކަރު ހިއްކުން ފިލުވުމަށް ކަމަށެވެ.
އެހެން ނަމަވެސް ރައީސް މައުމޫނަކީ އެބޭފުޅުންގެ ހުރިހާ ނިންމުންތަކަކަށް އިޖާބާ ދެއްވާ، އެބޭފުޅުން އެޅިހާ ބަތަކަށް ރިހަ އަޅާނެ ބޭފުޅެއް ނޫންކަންވެސް ޝިފާޤުވަނީ ފާހަގަ ކުރައްވާފައެވެ.
މި ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިފާޤު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސް ކަން ދިގު މުއްދަތަކަށް ކޮށްފައިވާ ބޭފުޅަކަށް ވެ ހުންނަވާ އެމަނިކުފާނު އެ ކުރައްވަމުންދާ ކަންކަމާއި މެދު ހައިރާންވާ ކަމަށެވެ.
އަދި ރައީސް މައުމޫނަކީ ތަފާތު 3 ޤާނޫނު އަސާސީއެއްގެ ދަށުން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ވެރިއަކަށް ވާ އިރު މިއަދު ރާއްޖޭގެ ޤާނޫނު އަސާސީ އެމަނިކުފާނަށް ފަހުމް ވެ ވަޑައިނުގަންނަވާތީ ހިތާމަ ކުރައްވާ ކަމަށާއި، ކުނޫޒްގައި ބޭއްވި ޖަލްސާގައި މި ސަރުކާރު ޤާނޫނީ އިމުން ބޭރުން ވައްޓާލުމަށް ރައީސް މައުމޫންވެސް ގޮވާލަން ޖެހުނީ، މިނިވަން ރިޔާސީ އިންތިޚާބަކުން ރައީސް ޔާމީން ބަލި ނުކުރެވޭނެކަން ޚުދު ރައީސް މައުމޫނަށްވެސް ޤަބޫލު ކުރެއްވޭތީ ކަމަށްވެސް ޝިފާގު ވަނީ ވިދާޅުވެފައެވެ.
ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުންނޭ ބުނެ އިއްޔެ ބޭފުޅުންތަކެއް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒަލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުން، އެ މާއްދާގެ ދަށުން ނަންގަނެވިފައިވާ ހުރިހާ ކަމެއް ވެސް ބަލާ، ކަންކަން ނިންމުމުގެ ޙައްޤު އޮތީ ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަށް ކަމަށް ވާއިރު އެ ބޭފުޅުންނަށް ރާއްޖޭގެ ދުސްތޫރީ ކަންކަން އޮތް ގޮތް ނޭނގެނީ ތޯ ޝިފާޤް ވަނީ އެބޭފުޅުންނާއި ސުވާލު ކުރައްވާފައެވެ.
މިގޮތުން ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ މައްސަލަ އެއް އެބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އެ ކޯޓުން އެ މައްސަލަ ބަލައިނުގަންނަ ހިސާބުން އަނެއްކާވެސް ސުޕްރީމް ކޯޓު ކަމުނުދިޔުމުގެ އާ ބާބެއް ފެށިގެން ދާނެ ކަމަށްވެސް ޝިފާޤުވަނީ ވިދާޅުވެފައިއެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ހެކި ދައްކަވަމުން ޝިފާޤް ވިދާޅުވީ އެކަމުގެ އެއް ހެއްކަކީ އާ އަހަރުގައި ރައީސް މައުމޫނު ފޮނުވި ތަހުނިޔާގެ މެސެޖް ކަމަށެވެ. އެ މެސެޖްގައި މިފެށުނު އާއަހަރުގައި ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ކަންކަން ޙާޞިލް ކުރަން ހިނގާށޭ ބުނެފައި އޮތް ބަހުގެ މާނައަކި ޤާނޫނު އަސާސީ އަށް ބަދަލު ތަކެއް ގެނެވޭތޯ މަސައްކަތް ކުރަން ހިނގާށޭ ކަމަށާއި އެގޮތަށް އެ ވިދާޅުވީ، އެމްޑީޕީ އިންވެސް އަދި ޖުމްހޫރީ ޕާޓީ އިންވެސް ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ބޭނުންފުޅުވާ ބޭފުޅުން އެކަމަށް ކުފޫ ހަމަ ނުވާތީ ކަމަށް ވެސް ޝިފާޤު ވިދާޅުވިއެވެ.
އަދި އިތުރަށް ޝިފާޤު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ކުރަމުން ގެންދާ މަސައްކަތްތަކަކީ ރާއްޖޭގެ ޤާނޫނު ތަންފީޒު ކުރަން ތިބި ފުލުހުންނާއި މުޢައްސަސާތަކަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލުވާލާ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުންކަމަށް ވިޔަސް އެކަން އެގޮތަށް ނުކުރެވެނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ