ކޮވިޑް-19 ބަލިމަޑު ހާލަތު އައުމާގުޅިގެން، ސްކޫލް ޓެކްނޯލޮޖީ ވަރަށް ބޮޑަށް އަޕްގްރޭޑްކުރަން ޖެހިފައިވާކަން ހާމަވެގެން ހިނގައްޖެ ކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވެއްޖެއެވެ.
އެންޖެލާ މާކެލް ވިދާޅުވީ، މުޅި ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގައި މިހާރު ބޭނުންކުރާ ޓެކްނޯލޮޖީގެ ވަސީލަތްތައް އަޕްގްރޭޑްކޮށް އިތުރަށް ފުރިހަމަ ކުރަންޖެހޭކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ކޮންމެ ހަފްތާއަކު ނެރުއްވާ ވީޑިއޯ މެސެޖްގެ މި ހަފްތާގެ ބަޔާނުގައި ޖަރުމަނު ޗާންސެލަރ ވިދާޅުވީ، ކޮވިޑްބަލީގެ ހާލަތާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށްފަހު، ވާޗުއަލްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ޖެހުނުއިރު، ސްކޫލްތަކުގެ ޓެކްނޯލޮޖީގެ ހާލަތު ހުރިގޮތުން ޓީޗަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލާންޖެހުނު ކަމަށެވެ.
ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ، ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުން، ޑިޖިޓަލް މީޑިއާއާއި، އެނޫންވެސް އެފަދަ ވަސީލަތްތައް ސްކޫލްތަކުގައި ހުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ހަމައެއާއެކު، ޖަރުމަނުވިލާތުގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކާއި، ތައުލީމީ އެކިއެކި މުއައްސަސާތަކުގައި ޓެކްނޯލޮޖީގެ އެފަދަ ވަސީލަތްތައް ގާއިމްކުރުމުގައި ސަރުކާރުގެ އިދާރާތައް ފެއިލްވެފައިވާކަންވެސް ހާމަވެގެން ގޮސްފައިވާ ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.
ކޮވިޑްބަލީގެ ހާލަތު ދުނިޔޭގައި ބޮޑުވެ، ދުނިޔޭގެ މަދު ގައުމެއްގައި ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކަށް ކިޔަވަންދާން ފަށާފައި ވީނަމަވެސް، ގިނަ ގައުމުތަކުގައި އަދިވެސް ކިޔަވައިދެނީ އޮންލައިންކޮށެވެ.
އެހެންނަމަވެސް، ޓެކްނޯލޮޖީގެ ވަސީލާތްތައް ނެތުމާއި، އެ ފުރުސަތު ހަނިވުމުގެ ސަބަބުން ތައުލީމުގެ ފުރުސަތު ގެއްލިފައިވާ އެތައް މިލިއަން ކިޔަވާކުދިންނެއް ދުނިޔޭގައި އެބަތިބި ކަމަށް އދއިން ބުނެފައި ވެއެވެ.
ހަމަ އެއާއެކު، ވާޗުއަލްކޮށް ކިޔަވައިދޭން ޖެހުމުން، ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގައި ޓެކްނޯލޮޖީއަށް އެކަށީގެންވާ ސަމާލުކަން ދެވިފައި ނެތްކަންވެސް ހާމަވަމުން ގޮސްފައި ވެއެވެ.
ސްކޫލް ޓެކްނޯލޮޖީއަށް އިހުމާލުވެވިފައިވާކަން ކޮވިޑްގެ ސަބަބުން ހާމަވެއްޖެ: ޖަރުމަނު ޗާންސެލަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ