ގުންޖަން ސަކްސޭނާ ފިލްމުގެ މައްސަލައިގައި ޖަވާބުދާރީ ވާން ކޯޓުން ގުންޖަންއަށް އަންގައިފި

މިއަހަރު ނެޓްފްލިކްސް ގައި ރިލީޒްކުރި "ގުންޖަން ސަކްސޭނާ: ދަ ކާރގިލް ގާލް" ގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގެ ނަން ހުތުރުކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވުމަށް ކުރީގެ އައިއޭއެފް އޮފިސަރ ގުންޖަން ސަކްސޭނާއަށް ޖަވާބުދާރީ ވުމަށް ދިއްލީ ހައިކޯޓުން އަންގައިފި އެވެ.
"ގުންޖަން ސަކްސޭނާ: ދަ ކާރގިލް ގާލް" އަކީ އިންޑިޔާގެ އެންމެ ފުރަތަމަ އަންހެން އެއާފޯސް އޮފިސަރު ގުންޖަން، އިންޑިޔާއާއި ޕާކިސްތާނާއި ދެމެދު ކުރި ކާރގިލް ހަނގުރާމައަށް ދިޔަ ހާދިސާއަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ގުންޖަންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައްވެސް ކިޔައިދީފައި ވެއެވެ.
ފިލްމުގެ މައްސަލަ ހޫނުވީ އައޭއެފްއިން ދިއްލީ ހައިކޯޓަށް މައްސަލައެއް ވެއްދުމުންނެވެ. އެ މައްސަލައިގާ ބުނާ ގޮތުން ގުންޖަންގެ ވާހަކަ ކިޔައިދިނުމަށް ހެދި އެ ފިލްމުގައި ވަނީ އެއާފޯސްގެ ނަން ހުތުރުކޮށްފައި ކަމަށެވެ. އެގޮތުން ފިލްމުގައި އެފޯސްގެ ބައެއް ފިރިހެން އޮފިސަރުން ދެއްކިއިރު ޓްރެއިނިން ސެންޓަރުގައި މަސްތުގެ ހާލަތުގައި ހުޅޭކަމަށާއި، ގުންޖަންއަށް އެކި ގޮތްގޮތުން ކުރި ފުރައްސާރަތައް ކަމަށް ބުނެ ފިލްމުގައި ހިމަނާފައިވާ ކަމަށް މައްސަލައިގައި ބުނެ އެވެ.
ދިއްލީ ހައި ކޯޓުން ގުންޖަންއަށް ޖަވާބުދާރީ ވާން އެންގިއިރު އެކޯޓުން މީގެ ކުރިން ވަނީ އެފިލްމު ޕްރޮޑިއުސް ކުރި ދަރްމާ އަށާއި ނެޓްފްލިކްސް އަށްވެސް މިމައްސަލައިގައި ޖަވާބުދާރީ ވާން އަންގައިފަ އެވެ.
"ގުންޖަން ސަކްސޭނާ: ދަ ކާރގިލް ގާލް" ގައި ގުންޖަން ގެ ރޯލު އަދާކުރީ ޖާންވީ ކަޕޫރެވެ. އެފިލްމަކީ މިއަހަރު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކްރިޓިކްސް އެންމެ ރަނގަޅު އެއް ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ