ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ގާޒީކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެމައްސަލައިގައި އަދި ގޮތެއް ނުނިންމާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
އެއަމުރުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ފަނޑިޔާރު ކަން ކުރެއްވުމުގެ ހައިސިއްޔަތެއް ގާޒީ މަރިޔަމަށް ލިބިގެނެއް ނުވެ އެވެ. މިއީ ފަނޑިޔާރަކު މަގާމުން ދުރުކޮށް، ރާއްޖޭގެ ކޯޓަކުން ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.
އެ އަމުރުގައިވާ ގޮތުން ބޮޑުމޮހޮރާ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް ގާޒީ މަރިޔަމް ވަނީ ބޮޑުމޮހޮރާ ހިންގުން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް އަންގައި، ހުކުމެއް ކޮށްފައެވެ. އެހެންވެ، ގާޒީ މަރިޔަމްގެ އެ އަމަލަކީ މަތީ ކޯޓެއްގެ ނިންމުމާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް އަމުރުގައިވެ އެވެ.
ޖޭއެސްސީން ބުނީ އެ މައްސަލައިގައި ގޮތެއް ނިންމޭނީ އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވިގެން ކަމަށާއި އޭގެ ފަހުން އަދި ޖަލްސާއެއް ނުބާއްވާ ކަމަށެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެން ކަމަށް ގާނޫނުއަސާސީގައިވެ އެވެ.
ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި އަދި ގޮތެއް ނުނިންމަން: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ